ރަސްގެފާނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރަށް ދައުވާކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މުހިއްޔުންދީން ޔާސީން. ފޮޓޯ/ރޮއިޓާސް

މެލޭޝިއާގެ ކުރީގެ ރަސްގެފާނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު މުހިއްޔުއްދީން ޔާސީނަށް ދައުވާކޮށްފިއެވެ.

ނަމަވެސް އުމުރުން 77 އަހަރުގެ ޔާސީން އެ ދައުވާއަށް އިންކާރު ކުރައްވައިފައިވާ ކަމަށް އޭނާގެ ވަކީލާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޔާސީންގެ މައްޗަށް އުފުލައިފައި ވަނީ ފިތުނަ އުފައްދަން މަސައްކަތް ކުރި ކަމުގެ ދައުވާއެވެ. އެ ދައުވާ އުފުލައިފައި ވަނީ މި މަހު ބާއްވާ ބައި އިލެކްޝަންސްގެ ކުރިން ޔާސީން ދެއްވި ތަގުރީރަކާ ގުޅިގެންނެވެ. އެ ތަގުރީރުގައި 2022ވަނަ އަހަރު އޭރުގެ ރަސްގެފާނު އޭނާގެ އިދިކޮޅު ވާދަވެރިޔާ، އަންވަރު އިބްރާހީމް ބޮޑު ވަޒީރަށް އައްޔަން ކުރަން ނިންމި ނިންމުމާ މެދު ސުވާލު އުފައްދާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ ވާހަކަތައް އަމާޒުކޮށްފައި ވަނީ 2019ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ވެރިކަން ކުރެއްވި ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހަށެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ އިންތިޚާބަށްފަހު އަންވަރު އިބްރާހިމް ބޮޑު ވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ އެމަނިކުފާނަށް ކޯލިޝަނެއް ހަދަން ފުރުސަތު ލިބުމުންނެވެ.

މެލޭޝިޔާގައި ރަސްކަމަކީ ރަމްޒީ ބާރެކެވެ. ނަމަވެސް ފަހަކަށް އައިސް އެ ގައުމުގެ ރަސްކަލުންގެ ބާރާއި ނޫފޫޒު ގައުމީ ކަންކަމުގައި ވަނީ ވަރުގަދަކޮށްފައެވެ.

މެލޭޝިޔާގައި އޮންނަ ރަސްކަމުގެ ތަފާތު ނިޒާމެއްގެ ދަށުން ނުވަ ޝާހީ އާއިލާއެއް އެ ގައުމުގައި އޮވެއެވެ. އެއިން ކޮންމެ އާއިލާއެއްގައި އެންމެ އިސްކޮށް ހުންނަވަނީ ރަސްކަލެކެވެ. މުޅި ގައުމުގެ ރަސްކަން ކުރައްވަނީ އޭގެ ތެރެއިން އެއް ރަސްކަލެކެވެ. އަދި، ކޮންމެ ފަސް އަހަރަކުން ރަސްކަން އެހެން ޝާހީ އާއިލާއެއްގެ ރަސްގެފާނާ ހަވާލު ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް