ދެ ކައިވެންޏެއްކޮށް އެ ދެ ކައިވެނި ވެސް ރޫޅާލާފައިވާ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އާމިރު ޚާން ތިން ވަނަ ކައިވެންޏެއް ކުރުމުގެ ޚިޔާލު ނުގެންގުޅޭ ކަމަށް ބުނެފިއެވެ.
ބޮލީވުޑްގެ ބަތަލާ ރިއާ ޗަކްރަބަތީ ދާދިފަހުން ގެނެސްދޭން ފެށި ޕޮޑްކާސްޓު ޝޯގައި ވާހަކަ ދައްކަމުން އާމިރު ބުނެފައި ވަނީ އުމުރުން މިހާރު 59 އަހަރު ވެފައިވާ ކަމަށާއި އިތުރު ކައިވެންޏެއް ކުރުމަކީ ފަސޭހެ ކަމެއް ނޫންކަމަށެވެ.
އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް އަމިއްލަ ހަޔާތުގެ ވަރަށް ގިނަ ވަގުތުތައް ގުރުބާންކޮށް އުފެއްދުންތެރި އެތައް ފިލްމުތަކެއް އާމިރު ވަނީ ބެލުންތެރިންނަށް ގެނެސްދީފައެވެ.
ފިލްމު ކެރިއަރަށް ވަގުތު ހުސްކުރުމުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިން ކަމަށްވާ ޖުނައިދު ޚާން އާއި އިރާ ޚާންއަށް އެއްވެސް ވަރަކަށް ވަގުތު ނުދެވޭ ކަމަށާއި އެކަން އިހުސާސްކުރެވުނުއިރު މާ ބޮޑަށް ވެސް ވަގުތު ފާއިތުވެއްޖެ ކަމަށް އާމިރު ވަނީ މި ޕޮޑްކާސްޓުގައި އެއްބަސްވެފައެވެ.
އާމިރުގެ ފިލްމު "ލާލް ސިންގް ޗައްދާ"އަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނެގުމަށްފަހު އާމިރު އެނބުރި ފިލްމީ މަސައްކަތްތައް ފެށީ ވަރަށް ފަހުންނެވެ.
އާމިރު ފިލްމީ ދާއިރާއަށް އެނބުރި އައި ނަމަވެސް އެކްޓް ކުރުމަށް ނުވިސްނާ ކަމަށާއި މިވަގުތު ބޭނުންވަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން ބެލުންތެރިންނަށް ކަމުދާނެ ކަހަލަ ތަފާތު ފިލްމުތަކެއް އުފެއްދުމަށް ކަމަށް ވަނީ ބުނެފައެވެ.
އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަންކަން ހާމަކުރަން ޝައުގުވެރިކަން ނުހުންނަ އެކްޓަރު ބުނެފައި ވަނީ ހަޔާތުގައި ކުރެވުނު ދެ ކައިވެނި ވެސް ނާކާމިޔާބުވެފައިވާ ކަމަށާއި ނަމަވެސް ކުރީގެ ދެ އަނބިންނާ ވެސް އޮންނަ ގުޅުން ރަގަޅު ކަމަށެވެ.
އާމިރުގެ ކުރީގެ ދެ އަނބިން ކަމަށްވާ ރީނާ އާއި ކިރަން އަކީ މިހާރު ވެސް އާމިރުގެ އާއިލާގެ މެމްބަރުންގެ ގޮތުގައި ދެކޭ ކަމަށާއި އެ ދެ މީހުންނަކީ ވެސް ވަރަށް ގާތް ދެ ރަހްމަތްތެރިން ކަމަށް އާމިރު ވަނީ ބުނެފައެވެ.
އާމިރުއަށް ލިބޭ ހުސް ވަގުތު މިހާރު ހާއްސަކޮށްފައި ވަނީ ތިން ކުދިންނާ އެކު ވަގުތު ހޭދަކުރުމަށް ކަމަށާއި އާއިލާގެ މެމްބަރުންނާ އެކު ވަގުތު ހޭދަކުރުމަށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އެއްވެސް އިރެއްގައި އާމިރަކީ އެކަނި އުޅެން ބޭނުންނުވާ މީހެއް ކަމުން ހަޔާތުގައި ބައިވެރިއަކު ހުރުމުގެ މުހިއްމުކަން އިހުސާސްކުރެވޭ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ދިރިއުޅުމުގައި ވާނެގޮތެއް އެއްވެސް ގޮތަކަށް ބުނަން ނޭނގޭކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އާމިރު އަންނަނީ "ސިތާރޭ ޒަމީން ޕަރު"ގެ ނަމުގައި ބެލުންތެރިންނަށް ފިލްމެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުންނެވެ.