ބިބީގެ ޓީޒަރު ކަމުދޭތަ؟

ރާއްޖޭގެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި "ޑާކްރެއިން އެންޓަޓެއިންމެންޓް"ގެ އާ ޕްރޮޖެކްޓު "ބިބީ"ގެ ފުރަތަމަ ޓީޒަރު އާންމުކޮށްފިއެވެ.

މި އަހަރު އެންމެ ވަރުގަދައަށް ޑާކްރެއިންއިން މިހާރު ދައްކަމުން ދަނީ ބިބީގެ ވާހަކައެވެ. މިއީ ޑާކްރެއިންއިން މި އަހަރު ނެރުމަށް ތައްޔާރުވާ ބިރުވެރި ކޮމެޑީ ފިލްމެކެވެ.

ފިލްމުގެ ގިނަ މަސައްކަތްތަކެއް މި އަހަރުގެ ކުރީކޮޅުގައި ކޮށްފައިވާއިރު ދާދިފަހުން ޕްރޮޑަކްޝަނުން ވަނީ ފިލްމުގެ ފުރަތަމަ ޓީޒަރު އާންމުކޮށްފައެވެ.

ކޮމެޑީ އަދި ބިރުވެރި ޖޯންރާ އެއްކޮށްލައިގެން ތައްޔާރުކުރާ މި ފިލްމުގައި ބިރުވެރިކަމުގެ ރަހަ ރަނގަޅަށް ވެސް ހުންނާނެކަން ޓީޒަރުން ވަނީ ދައްކާލާފައެވެ. ކެރެކްޓަރުން ބިރުން އުޅޭ އެތައް ސީންތަކެއް ދައްކާލާފައިވާއިރު ބިރުގަންނަވާ ތަފާތު މަންޒަރުތަކެއް ވެސް ވަނީ އާންމުކޮށްފައެވެ.

މި ފިލްމުގެ ލީޑުގެ ގޮތުގައި ހިމެނެނީ ޝަރަފު އަބްދުﷲ އެވެ. ޝަރަފަކީ މި ވަގުތު ފިލްމު އިންޑަސްްޓްރީގައި އެންމެ ޑިމާންޑު ބޮޑު އެއް ތަރިއެވެ. ޑާކްރެއިންއިން އެންމެ ފަހުން ދައްކާފައިވާ ފިލްމު "ފުރޭތަ"ގެ ލީޑު ރޯލުން ވެސް ފެނިގެން ގޮސްފައިވަނީ އޭނާއެވެ. ޝަރަފުގެ އިތުރުން މި ފިލްމުން ފެންނާނީ މަރިޔަމް މަޖުދާއާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި ޝީލާ ނަޖީބެވެ.

ބިބީގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިމެނެނީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުވާދެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަހުދާ މަމްދޫހެވެ. މިއީ އޭނާ ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

ބިބީގެ ޕްރޮމޯޝަނަލް މަސައްކަތް މިހާރު ކުރިއަށް ގެންދާއިރު މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އޮލިމްޕަހުގައެވެ.

comment ކޮމެންޓް