'އުދަބާނި 2'ގެ ޓިކެޓު ދޫކުރަން ފަށައިފި

--

ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) 2009 ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު "އުދަބާނި"ގެ ދެވަނަ ބައިގެ ޓިކެޓުތައް ދޫކުރަން ފަށައިފިއެވެ.

އުދަބާނި ނަމުގައި ނެރުނު ވާހަކައަކަށް ބިނާކޮށް 2009ގައި ނެރުނު ބިރުވެރި ޑްރާމާ ފިލްމަކީ އެ އަހަރު އޮލިމްޕަހުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ފިލްމެވެ.

ފުރަތަމަ ފިލްމުގެ މަސައްކަތް ވެސް ކޮށްފައިވާ އަމްޖޭ މިހާރު ރެޑީ ވަނީ ފިލްމުގެ ދެވަނަ ބައެއް ނެރުމަށެވެ. ފިލްމުގެ ދެވަނަ ބައި ރިލީޒްކުރަން ގާތްވެފައިވާއިރު މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ފިލްމަށް ޓިކެޓުގެ ބުކިންތައް ހަދައި ޝައުގުވެރިކަން ހިއްސާކުރުމަށް ވަނީ މިދިޔަ މަހުގައި ހުޅުވާލާފައެވެ. ނަމަވެސް، މިހާރު ވަނީ ޓިކެޓު ބުކް ކުރި މީހުންނަށް ޓިކެޓު ދޫކުރަން ފަށާފައެވެ. އޭގެ އިތުރުން، ވަގުތުން ޓިކެޓު ނަގަން ބޭނުންވާ ބެލުންތެރިންނަށް ވެސް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ފިލްމުގެ ޓިކެޓު ވެސް މިހާރު ދޫކުރަމުން ދާއިރު ޕްރޮޑަކްޝަނުން އަންގަނީ ފިލްމަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމަށެވެ. އެގޮތުން، ފިލްމުގެ ޕްރިމިއާ ޝޯއަށް ނަން ނޯޓުކޮށް ފުރަތަމަ ޝޯ ވަނީ ހައުސް ފުލް ކޮށްލާފައެވެ.

އުދަބާނީގެ ފުރަތަމަ ބަޔަށް އޮތް ތަރުހީބާ އެއްވަރު ކުރާ މިންވަރަށް މި ފިލްމަށް ވެސް ތަރުހީބު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޕްރޮޑަކްޝަނުން މައުލޫމާތު ދެއެވެ.

އަންނަ މަހުގެ 15 ގައި ފިލްމު ޕްރިމިއާ ކުރާއިރު ފުރަތަމަ ފިލްމާ އަޅައިބަލާއިރު ކޮލިޓީގެ ގޮތުން ދެވަނަ ފިލްމަކީ ވަރުގަދަ ފިލްމަކަށް ހެދުމަށް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދެވަނަ ފިލްމުގެ ބަތަލެއްގެ ގޮތުގައި ފެންނާނީ އަހްމަދު އީސާ (އާނަންދު)އެވެ.

ބަތަލާއެއްގެ ގޮތުގައި ފާތިމަތު ޝުހާއެވެ. މީގެ އިތުރުން، އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ރ. އަތޮޅު މާކުރަތުގައެވެ. މިއީ ފުރަތަމަ ފިލްމު ވެސް ޝޫޓު ކޮށްފައިވާ ރަށެވެ.

comment ކޮމެންޓް