އައިފޯން 16ގެ އުންމީދާ އެކު، އެޕަލް އިވެންޓް އަންނަ މަހު 9 ގައި

އެޕަލް އިވެންޓްގެ ތީމް ---

އެޕަލްގެ އައިފޯން 16 ސީރީޒް ތަޢާރަފުކުރުމުގެ އުންމީދާ އެކު އަންނަ މަހު ނުވައެއްގައި އެޕަލް އިވެންޓް ބާއްވަން ނިންމައިފިއެވެ.

"އިޓްސް ގްލޯޓައިމް"ގެ ނަމުގައި އެޕަލްގެ މި އަހަރުގެ އިވެންޓުގައި އާ އައިފޯން 16 ސީރީޒް ތަޢާރަފުކުރުމުގެ އިތުރުން އާ އެޕަލް ވޮޗް އަދި އެއާޕޮޑްސް ތަޢާރަފުކުރުމަށް ވަނީ އެ ކުންފުނިން ނިންމާފައެވެ.

ޓެކް ރިޕޯޓްތައް ބުނާ ގޮތުގައި މި އިވެންޓުގެ ނަން "އިޓްސް ގްލޯޓައިމް"އަކީ އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަށް ކުރާ އިޝާރާތެއް ކަމަށް ބެލެވެއެވެ. އައިފޯން 16 ސީރީޒްއަކީ އެޕަލްއިން ފުރަތަމަ ފަހަރަށް އޭއައި ޓެކްނޮލޮޖީ ހިމަނައިގެން ނެރޭ ފޯނު ސީރީޒްއެވެ.

ސްޓީވް ޖޮބްސް ތިއޭޓަރުގައި މި އިވެންޓް ބާއްވަން ހަމަޖެހިފައިވާއިރު، މި އިވެންޓް ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށް ދައްކާނެއެވެ.

އައިފޯން 16 ސީރީޒްގައި ހިމެނޭނީ ހަތަރު މޮޑެލެކެވެ. އެއީ، އައިފޯން 16، އައިފޯން 16 ޕްލަސް، އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސްއެވެ.

މި އަހަރު އެޕަލްއިން ހުރިހާ މޮޑެލެއްގައި ވެސް އެކްޝަން ބަޓަން ތަޢާރަފުކުރާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، މިއީ އާންމު މޮޑެލްތަކުގައި އެލާޓް ސްލައިޑަރުގެ ބަދަލުގައި ފުރަތަމަ ފަހަރަށް ގެނެވޭ ބަދަލެކެވެ.

މީގެ އިތުރުން، އައިއޯއެސް 18 ގެ އަޕްޑޭޓްތައް ލިބެން ފަށާނެ ތާރީޚު ވެސް މި އިވެންޓުގައި އިޢުލާނުކުރާނެ ކަމަށް ބެލެވެއެވެ. އަދި، އެޕަލް އިންޓެލިޖެންސްއާ ގުޅޭ އިތުރު މަޢުލޫމާތުތައް ވެސް މި އިވެންޓުގައި ހިއްސާކުރާނެ ކަމަށް ލަފާކުރެވެއެވެ.

comment ކޮމެންޓް