އެޕަލްގެ އިވެންޓާ ދިމާކޮށް ޔޫޓިއުބްގައި ޓިމް ކުކްގެ ޑީޕްފޭކް ވީޑިއޯތަކެއް

އެޕަލް ސީއީއޯ ޓިމް ކުކް --

ހޯމަދުވަހުގެ ރޭ ބޭއްވި އެޕަލްގެ އަހަރީ ޝޯވ "ގްލޯޓައިމް" އައިފޯން 16 އިވެންޓާ ދިމާކޮށް، އެޕަލްގެ ސީއީއޯ ޓިމް ކުކްގެ ފޭކް ވީޑިއޯ ތަކެއް ފެތުރިއްޖެއެވެ.

ކްރިޕްޓޯގެ މަކަރުވެރިން ޔޫޓިއުބްގައި ފެތުރި މި ވީޑިއޯތަކުގައި ކުކްގެ އަޑާއި ސިފަ ކޮޕީކޮށް، ކްރިޕްޓޯ ދިނުމަށް އެދި އާންމުންނަށް ގޮވާލާފައިވެއެވެ.

މި ވީޑިއޯތަކުގައި ކްރިޕްޓޯ ހަދިޔާކުރުމުގެ ޕްރޮގްރާމްތަކެއް ޕްރޮމޯޓްކޮށް، އިންވެސްޓްމަންޓް ސްކީމްތަކެއް އިޝްތިހާރުކޮށް، އަދި ބިޓްކޮއިން، އީތަރު އަދި ޓެދަރު ފަދަ ކްރިޕްޓޯ ޓްރާންސްފަކުރުމަށް އެދިފައިވެއެވެ.

ޔޫޓިއުބްގެ އިހުމާލުން މިފަދަ ވީޑިއޯތައް ފިލްޓަރު ނުކުރެވުނު ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. މިފަދަ މަކަރުވެރި ވީޑިއޯތަކުން މީހުންގެ މާލީ ހާލަތަށް ނޭދެވޭ އަސަރުކުރާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރެވިފައިވެއެވެ.

މީގެ ކުރިން ވެސް މިފަދަ ޑީޕްފޭކް ވީޑިއޯތައް ބޭނުންކޮށްގެން މަކަރުވެރިން ވަނީ އެކި ފަހަރުމަތިން މީހުންގެ ފައިސާ ވަގަށް ނަގާފައެވެ.

އެފްބީއައިގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރު ކްރިޕްޓޯއާ ގުޅުންހުރި މަކަރުވެރިކަމުގެ ސަބަބުން 5.6 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.

މައިކްރޯސޮފްޓްގެ ރައީސް ބްރެޑް ސްމިތު ވިދާޅުވެފައިވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ ޑީޕްފޭކްތައް ކަމަށެވެ. އޭނާ ގޮވާލާފައިވަނީ އޭއައި ބޭނުންކުރުމަށް ހުއްދައެއް ނަގަންޖެހޭ ގޮތަށް ހެދުމަށެވެ.

މި ކަންތައްތަކުން އެނގެނީ ޑީޕްފޭކް އަދި އޭއައި ޓެކްނޮލޮޖީގެ ނުރައްކާތެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމެވެ.

comment ކޮމެންޓް