ކ. މާފުށީ ކައުންސިލް އިދާރާގެ 2021ވަނަ އަހަރުގެ މާލީ ބަޔާނުގައި އެ ކައުންސިލަށް ލިބުނުކަމަށް ބަޔާންކުރާ އާމްދަނީއާއި ކައުންސިލްގެ ރިކޯޑުން ދައްކާ އަދަދާ ދެމެދު ބޮޑު ފަރަގެއް ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި އޮޑިޓް ރިޕޯޓެއްގައި ވަނީ، 2021ވަނަ އަހަރުގެ މާލި ބަޔާނުގައި ހިމެނޭ "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން"ގައި އެ އަހަރު ކައުންސިލުގެ އިދާރާއަށް 14.2 މިލިއަން ރުފިޔާ ލިބުނުކަމަށް ބަޔާންކޮށްފައި ވާކަމަށެވެ.
ނަމަވެސް، މާފުށީ ކައުންސިލުން ފައިސާ ބަލައިގަންނަން ވިޔަ މޮޑިއުލް ބޭނުންކޮށްފައި ނުވާކަން ފާހަގަކޮށް އެ ރިޕޯޓުގައި ވަނީ، ކައުންސިލްގެ އެކްސެލް ޝީޓެއްގައި ތައްޔާރުކޮށްފައިވާ ދުވަހު ފޮތުން އެނގޭ ގޮތުގައި އެ އަހަރު އެ ކައުންސިލަށް ލިބިފައި ވަނީ ޖުމުލަ 1.1 މިލިއަން ރުފިޔާ ކަމަށެވެ.
އެގޮތުން، މާލީ ބަޔަނާއި ކައުންސިލްގެ ރިކޯޑުތަކުން ދައްކާ އަދަދުގައި 13 މިލިއަން ރުފިޔާގެ ފަރަގު ހުރުމުން، މާލީ ބަޔާނުގައި ކައުންސިލަށް ލިބުނު ފައިސާގެ ގޮތުގައި ބަޔާންކޮށްފައިވާ އަދަދަކީ ސައްހަ އަދަދެއްކަން ކަށަވަރުނުވާކަން އޮޑިޓުގައި ވެއެވެ.

މާފުށި: މާފުށީ ކައުންސިލްގެ ހިސާބުތަކުގައި 13 މިލިއަން ރުފިޔާގެ ފަރަގެއް ހުރިކަމަށް އޮޑިޓު ރިޕޯޓުން ދައްކާ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
އޮޑިޓުގައި ވާގޮތުން ކައުންސިލުގެ އިދާރާއިން ކޮށްފައިވާ ޖުމުލަ ޚަރަދުގެ ގޮތުގައި މާލީ ބަޔަނުގައި ވަނީ، 7.2 މިލިއަން ރުފިޔާއެވެ. ނަމަވެސް، ވިޔަ މޮޑިއުލުން ދައްކާ ގޮތުގައި އެ އަހަރު ކައުންސިލުން ހޭދަކޮށްފައިވަނީ 6.6 މިލިއަން ރުފިޔާއެވެ.
"އެހެންކަމުން، "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން"ގައި ހިމަނާފައިވާ ޚަރަދުގެ ޖުމުލައާއި ވިޔަ މޮޑިއުލުގައި ޚަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާ އަދަދުތަކާ ދެމެދު ޖުމުލަ 601,232 (ހަސަތޭކަ އެއްހާސް ދުއިސައްތަ ތިރީސްދޭއް) ރުފިޔާގެ ފަރަގު ހުރުމުގެ ސަބަބުން "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން"ގައި ޖުމްލަ ޚަރަދުގެ ގޮތުގައި ބަޔާންކޮށްފައިވާ އަދަދަކީ ސައްހަ އަދަދެއްކަން ކަށަވަރު ނުވެއެވެ،" އޮޑިޓް ރިޕޯޓުގައި ވެއެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި، 2021ވަނަ އަހަރު ނިމުނުއިރު ކައުންސިލުގައި ހުރި ފައިސާގެ އަދަދު އަރަނީ 10.6 މިލިއަނަށެވެ. ނަމަވެސް، ކައުންސިލުގެ އެއަހަރުގެ ތިޖޫރީއާއި އެކައުންޓުގެ ބާކީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާތީ މާލީ ބަޔާނުގައި ހުށަހަޅާފައިވާ އަދަދުތަކުގެ ސައްހަކަން ވެސް ކަށަވަރެއް ނުވެއެވެ.
އަހަރު ނިމުނުއިރު މާފުށީ ކައުންސިލުގައި 10.6 މިލިއަން ރުފިޔާ ހުރިކަމަށް މާލީ ބަޔާނުގައި އޮތްނަމަވެސް، މާލީ ބަޔާނަށް ވާގިދޭ ނޯޓުގައި، އަހަރު ނިމުނުއިރު ކައުންސިލުގައި ހުރި ފައިސާގެ ގޮތުގައި ވަނީ 9.9 މިލިއަން ރުފިޔާއެވެ.

މާފުށި: މާފުށީ ކައުންސިލްގެ ހިސާބުތަކުގައި 13 މިލިއަން ރުފިޔާގެ ފަރަގެއް ހުރިކަމަށް އޮޑިޓު ރިޕޯޓުން ދައްކާ --ފޮޓޯ/ އެމްޓީސީސީ
މީގެ އިތުރުން، އޮޑިޓަށް ފާހަގަކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި، ކަައުންސިލް އިދާރާއިން ބަލައިގަނެފައިވާ އައިޑީ ކާޑުގެ ފައިސާއާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި، އައިޑީ ކާޑާ ގުޅޭ އާމްދަނީ ވެސް ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުން ހިމެނެއެވެ.
އެގޮތުން، އައިޑީ ކާޑުގެ ފައިސާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ ދައުލަތުގެ އާމްދަނީގެ ގޮތުގައި ޖަމާކޮށްފައި ނުވުމާއި ފައިސާ ކައުންސިލުގައި ހުރިކަން ކަށަވަރުކުރެވެން ނެތްކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި:
- ގިނަ އަދަދެއްގެ ފައިސާ ބޭންކު އެކައުންޓަށް ޖަމާނުކޮށް، ތިޖޫރީގައި ބަހައްޓައިގެން ޚަރަދުކޮށްފައިވުން.
- ބޭންކު އެކައުންޓުގެ ބާކީ ބަލަހައްޓާފައި ނުވުމާއި ބޭންކު ރިކޮންސިލިއޭޝަން ތައްޔާރުކޮށްފައި ނުވުން.
- އާމްދަނީގެ ފައިސާ ބަލައިގަތުމާއި، ހިސާބުތައް ރިކޯޑުކޮށް ބެލެހެއްޓުމުގައި ހުރި މައްސަލަތައް.
- އާާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ދުވަހުފޮތުގައި ރެކޯޑުކޮށް ބަލަހައްޓާފައި ނުވުން.
- ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ފުރިހަމައަށް ބަލަހައްޓާފައި ނުވުން.
- އެގްރީމެންޓް ނެތި ދައުލަތުގެ މުދަ ކުއްޔަށްދީފައިވުން
- ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ރިކޯޑުކުރެވިފައި ނެތުމާއި ލިބެންޖެހޭ ފައިސާ ހޯދަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވުން.