ފުލެޓު ހަވާލުކުރުމާ ގުޅޭ އެންމެހާ ކަންކަން މަޑުޖައްސާލާފައި އޮތީ މިނިސްޓްރީން އަންގައިގެން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިއަދު ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިހެން ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 4000 ހައުސިން ޔުނިޓް މަޝްރޫގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުގެ އެއްބަސްވުމާއި ފުލެޓު ހަވާލުކުރުމާ ބެހޭގޮތުން ގިނަ ފަރާތްތަކުން މައުލޫމާތު ހޯދުމަށް ހުށަހަޅަމުންދާކަމަށް ބުނެ މިއަދު ނެރެނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި އެ ކޯޕަރޭޝަނުން ބުނެފައި ވަނީ ގެދޮރުވެރިޔާ މަޝްރޫގެ ދަށުން ފުލެޓު ލިބޭ ފަރާތްތަކާއި އެ ފަރާތްތަކަށް ލިބޭނެ ޔުނިޓެއް ކަނޑައެޅުމުގެ މަސައްކަތަކީ ހައުސިން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
އެހެންކަމުން ޔުނިޓު ހަވާލުކުރުރުމާ ގުޅޭ އެންމެހާ ކަންކަމުގައި އެ ކޯޕަރޭޝަނުން އަމަލުކުރާނީ މިނިސްޓްރީން އަންގާ ގޮތުގެ މަތީންކަމަށް އެ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނުގައިވެއެވެ.
އަދި މިނިސްޓްރީން މީގެ ކުރިން ފްލެޓު ހަވާލުކުރުމާ ގުޅޭ އެންމެހާ ކަންކަން މަޑުޖައްސާލުމަށް އެ ކޯޕަރޭޝަނަަށް އަންގާފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ފްލެޓު ހަވާލުކުރުމާ ގުޅޭ އެންމެހާ ކަންތައްތައް ކުރިއަށް ގެންދެވޭނީ އެ މައްސަލައާ ގުޅޭ ގޮތުން މިނިސްޓްރީއިން ވަކި ގޮތެއް އެންގުމުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓްތައް ލިބުނު ފަރާތްތަކުން ވަނީ ދާދި ފަހުން ވެސް ގޯއްޗާއި ފްލެޓް ލިބުން ލަސްވާތީ އިހުތިޖާޖަށް ނިކުމެފައެވެ.
އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ ގޯތިތަކާ ފްލެޓްތައް ދޫކުރުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.