އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އީރާނުގެ ތާއީދު އޮންނަ ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުﷲއިން އިއްޔެ ދިން ވަރުގަދާ ހަމަލާ ކާމިޔާބު ކަމަށް ހިޒްބުﷲގެ ވެރިޔާ ސައްޔިދު ހަސަން ނަޞްރުﷲ ވިދާޅުވެއްޖެއެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބުގައި ނަޞްރުﷲ ވިދާޅުވީ, އެ ޖަމާއަތުގެ ހަމަލާ "ރާވާފައިވާ ގޮތަށް" ކުރިއަށް ގެންދެވުނު ކަމަށާއި، ހަމަލާގެ މައިގަނޑު އަމާޒަކީ އިސްރާއީލުގެ މައި ޖާސޫސީ އިދާރާ މޮސާޑްގެ އޮފީސް ހުންނަ އަސްކަރީ މަރުކަޒު ކަމަށެވެ. އެއީ, ބޯޑަރުން ފެށިގެން ގާތްގަޑަކަށް 110 ކިލޯމީޓަރު އެތެރެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުން ބުނީ, ހިޒްބުﷲގެ އެ ހަމަލާ އިސްރާއީލަށް އަމާޒުކުރީ އެތައް ހާސް ރޮކެޓެއް ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާ ދޭން ތައްޔާރުވާން ފެށުމުން ކަމަށާއި ހިޒްބުﷲއިން ފޮނުވާލި އެއްވެސް ރޮކެޓަކުން އިސްރާއީލަށް ގެއްލުމެއް ނުވާ ކަމަށެވެ. އެ ރޮކެޓްތައް އަމާޒަށް ވާސިލުނުވާ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.
އިސްރާއީލަށް ދިން އެ ހަމަލާއަކީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ހިޒްބުﷲ ގެ އިސްވެރިއެއް ކަމަށްވާ ފުއާދު ޝުކްރު ޝަހީދުކޮށްލުމުން ބަދަލުހިފުމުގެ ގޮތުން ދިން ފުރަތަމަ ހަމަލާ ކަމަށް ހިޒްބުﷲއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އިސްރާއީލަށް އިތުރު ހަމަލާތަކެއް ދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ހިޒްބުاللهގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޔަހޫދީ ދައުލަތުގެ އުތުރާއި މެދުތެރޭ ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 11 އަސްކަރީ މަރުކަޒަކަށެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ހަމަލާތަކުގައި 300 އަށްވުރެ ގިނަ ރޮކެޓާއި މިސައިލް އަދި ޑްރޯން ބޭނުންކުރިއެވެ.