ބަންގްލަދޭޝްގެ ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް 20 މަރު

ބަންގްލަދޭޝްގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުން ކާބޯތަކެތި އުފުލަނީ. ފޮޓޯ/ރޮއިޓާސް

ބަންގްލަދޭޝްއަށް މެދުކެނޑުމެއްނެތި ވާރޭވެހުމުގެ ސަބަބުން ހިނގި ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް 20 މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އެ ހާދިސާގެ ސަބަބުން 5.2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައިޖެހިފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ދުރު ސަރަހައްދުތަކުގައި ގިނަ ބަޔަކު ތާށިވެ، ކާނާއާއި ސާފު ފެން، ބޭސް އަދި އަންނައުނު ފަދަ ތަކެއްޗަށްވެސް ވަނީ ބޭނުންޖެހިފައެވެ.

ބަންގްލަދޭޝްގައި މިހާރު ގާއިމުކޮށްފައިއޮތް ވަގުތީ ސަރުކާރުގެ އިސް ވެރިޔާ މުހައްމަދު ޔޫނުސް ދެއްވި ޚިޠާބުގައި ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުން އާންމު ހާލަތަށް ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މިހާރު އަޅައިފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ފެންބޮޑުވީ އަވަށްޓެރި އިންޑިއާގައި ޑޭމް ސްލޫސް ގޭޓްތައް ހުޅުވުމުންނެވެ. ނަމަވެސް އިންޑިއާއިން އެކަން ދޮގުކުރެއެވެ.

ބަންގްލަދޭޝްގެ މޫސުމާ ބެހޭ އިދާރާއިން ވަނީ މޫސުމީ ވިއްސާރަ ކުރިއަށްދާނަމަ، އަދިވެސް ފެންބޮޑުވެދާނެ ކަމަށް އިންޒާރުދީފައެވެ.

ފެންބޮޑުވި 11 ޑިސްޓްރިކްޓްގެ ގާތްގަނޑަކަށް 3،500 ވަގުތީ ހިޔާގައި 400،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް 750 ޑޮކްޓަރުންގެ މެޑިކަލް ޓީމެއް ހަރަކާތްތެރިވާއިރު، ސިފައިންނާއި ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންނާއި ބޯޑާ ގާޑް ބަންގްލަދޭޝްގެ އެތައް މުވައްޒަފުންނެއް އަންނަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބަންގްލަދޭޝަށް ވިއްސާރަ މޫސުމުގައި އާދަޔާ ޚިލާފަށް ގިނައިން ވާރޭވެހުމާ ގުޅިގެން ކޯރުތަކުގެ ކައިރީގައި ދިރިއުޅޭ 3.5 މިލިޔަނެއްހާ މީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ބެލެވޭ ކަމަށް ވޯލްޑް ބޭންކުން 2015 ވަނަ އަހަރު ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ލަފާކޮށްފައިވެއެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި, ބައެއް ގައުމުތަކަށް ވާރޭވެހޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެފައިވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅިގެންނެވެ.

comment ކޮމެންޓް