ދެވަނަ ފިޔަވަހިން ކެފޭތަކެއް ބަންދުކޮށް، 4 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ސިޓީ ކައުންސިލާއި އެޗްޕީއޭއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގެ ތެރެއިން ބެލި ބައެއް ތަންތަން -- ފޮޓޯ/ ސިޓީ ކައުންސިލް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސާފުތާހިރުކަމުގެ މިންގަނޑާ ޚިލާފަށް ހިންގާ ހަ ކެފޭއެއް ބަންދުކުރުމަށް ނޯޓިސްދީ، ވިސާ ނެތި މަސައްކަތްކުރި ހަތަރު ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބަލައިފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ހުޅުމާލޭ ދެވަނަ ފިޔަވަހިން އަށް ކެފޭއެއް ބަލައި ފާސްކޮށްފައި ކަމަށެވެ. މި އޮޕަރޭޝަންގައި އިމިގްރޭޝަނުގެ އިތުރުން، ފުލުހުންނާއި، އިކޮނަމިކް މިނިސްޓްރީއާއި އެމްއެފްޑީއޭގެ އިތުރުން އެޗްޕީއޭއިން ވެސް ބައިވެރިވިއެވެ.

ރެޖިސްޓްރީނުކޮށް، އަދި ސާފުތާހިރުކަމުގެ މިންގަނޑުން ބޭރުން ބާކޯތަކެތި ތައްޔާރުކޮށް، އެއިން ވިޔަފާރިކުރާ މީހުންގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މި މައްސަލަ ފެންމަތިވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެ މީހުންނަށް ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން އޮޕަރޭޝަންތަކެއް ހިންގަން ފެށުމާ އެކުގައެވެ.

އެ ގޮތުން ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކޮށް، އެ ވިއްކައިގެން ބިދޭސީއަކު ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް މީގެ ހަ ދުވަސް ކުރިން ފެންމަތިވިއެވެ.

https://sun.mv/195689

މި މައްސަލަ ފެންމަތިވެ، އާންމުންގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް، ގަވާއިދާ ޚިލާފަށް ކާބޯތަކެތި އުފައްދައިގެން ވިއްކާ ތަންތަން ތަންތަން ބަންދުކޮށް، ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

މި މަހުން 23 އިން ފެށިގެން ކާބޯތަކެތީގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ.

އެގޮތުން ގަވާއިދާ ޚިލާފަށް ރަޖިސްޓްރީނުކޮށް ހިންގާ ވިޔަފާރިތައް 50،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަދަ ތަންތަން ބަންދުކުރުމުގެ ބާރު ވެސް އެމްއެފްޑީއޭއަށް ލިބެއެވެ.

comment ކޮމެންޓް