ބޭންކުތަކަށް ދެން ޑޮލަރު ދޫކުރާނީ ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން: އެމްއެމްއޭ

މަރުކަޒީ ބޭންކް، އެމްއެމްއޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި، ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދޭނެ ކަމަށް އެ އޮތޯރެޓީއިން ބުނެފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރުފިޔާ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތްކުރެވޭ އެހެން ބޭންކުތައް ވެސް ހުންނަކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން ބޭންކު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

އަދި ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މައުލޫމާތު ހޯދައި އެކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން އެ އޮތޯރިޓީން ބީއެމްއެލް އާ ބައްދަލުކޮށްފައި ވާނެކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެގޮތުން ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން އެ ބޭންކުން ފާހަގަކޮށްފައި ވާކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ ކޮވިޑް 19އަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށާއި މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލް ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ސާޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019ވަނަ އަހަރު ނިމުނު ހުރީ 2.9 ބިލިއަން ރުފިޔާގައި ކަމަށެވެ.

މިއަދަދު މިއަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާގައި ކަމަށާއި މިއީ ކާޑުގެ މުއާމަލާތްތައް މި މުއްދަތުގެ ތެރޭގައި އިތުރުވުމަށް ދިމާވި ސަބަބެއް ކަމަށް ބެލެވޭ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކޮށްފައިވާކަން ވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން 2022ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައި ވާކަމަށާއި 2023ވަނަ އަހަރު ނިމުނުއިރު މި އަދަދު 307 މިލިއަނަށް އިތުރުވެފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ މައުލޫމާތު ދީފައެވެ. ހަމަ އެއާއެކު މިއަހަރު ވެސް މި އަދަދު އިތުރުކޮށްފައި ވާކަމަށާއި މީގެ ތެރެއިން ވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ފައިނޭންޝަލް ސެކްޓާއަށް ދިމާވެފައިވާ ނިޒާމީ ބައެއް މައްސަލަތަކަށް ޒަމާނީ ހައްލުތައް ގެނައުމުގެ މަސައްކަތް ކުރާކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ، މި ބަދަލުތައް ވާނީ ރާއްޖޭގައި ފޮރިން ޑިރެކްޓް އިންވެސްޓްމަންޓަށް ފަހި މާހައުލެއް އުފެދިގެންދާނެ ފަދަ ބަދަލުތަކަކަށް ކަމަށެވެ.

ބީއެމްއެލްއިން މިއަދު ވަނީ، ޕްރައިމަރީ އެކައުންޓަކަށް ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް މިއަދުން ފެށިގެން ޑޮލަރު ނުދޭން ނިންމައިފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް, މިއަދު ހަވީރު ބޭންކުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

comment ކޮމެންޓް