އެސްއެސްޓީވީގެ ޕްރޮގްރާމްތަކުން އުމްރާ ދަތުރުތައް ލިބޭ ނަސީބުވެރިން ހޮވައިފި

އުމްރާ ދަތުރު ލިބޭ މުބާރާތް ކުރިއަށްގެންދިޔުމަށް، އެސްއެސްޓީވީން ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުން -- ސަން ފޮޓޯ

ފާއިތުވި ރޯދަ މަހު އެސްއެސްޓީވީން ގެނެސްދިން ޤިބްލަ ކުއިޒް އާއި ފަސްރުކުން ޕްރޮގްރާމުގައި ބައިވެރިވުމުން، އުމްރާ ދަތުރުތައް ލިބޭ ނަސީބުވެރިން މިރޭ ހޮވައިފިއެވެ.

އެސްއެސްޓީވީން މިރޭ ދެއްކި ޕްރޮގްރާމެއްގައި ވަނީ، ކުއިޒްތަކާއި ޕްރޮގްރާމުތަކުގައި ބައިވެރިވެގެން އިނާމުތައް ލިބޭ ފަރާތްތައް ހޮވައިފައެވެ.

އޭގެ ތެރެއިން، 'ޤިބްލަ ކުއިޒް'ގައި ރޯދަމަހު 29 ސުވާލު ގެނެސްދީފައިވާއިރު، 11 މީހަކު ވަނީ 28 ސުވާލަކަށް ރަނގަޅު ޖަވާބު ފޮނުވައިފައެވެ. އެ ޖަވާބުތައް ފޮނުވި ފަރާތްތަކުގެ މެދުގައި ގުރުނެގިއިރު، ހޮވިފައިވާ ނަންބަރަކީ 9113108 އެވެ.

އެ ފަރާތަށް ލިބެނީ، ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުން ހުށަހަޅައިފައިވާ އުމްރާ ދަތުރެވެ.

އެ ނަންބަރުގެ ވެރިފަރާތަކީ، ފ. ނިލަންދޫ، އަބްދުއްރަޝީދު އިސްމާއީލެވެ. އެސްއެސްޓީވީން ގުޅުމުން އޭނާވަނީ، ނަސީބުވެރިއަކަށް ހޮވުމުން ވަރަށް އުފާވާކަން ފާހަގަކޮށް، ޖަވާބު ދިމާކުރުމަށް ބުރަކޮށް މަސައްކަތްކުރި ކަމަށް ބުނެފައެވެ.

"އަޅުގަނޑު ފެށުނީއްސުރެއް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދިޔައީ، ވަރަށް އުއްމީދާއެކު މަސައްކަތް ކުރީ ވެސް ހަމަ ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމާއެކު، ﷲ ރަހުމަތްފުޅުން އެ އުއްމީދު މިއޮތީ ހާސިލުވެފައި،" އޭނާ ބުންޏެވެ.

ދެވަނަ އުމްރާ ދަތުރު ލިބެނީ، ހުކުރު ދުވަސް ފިޔަވައި ރޯދަމަހު ކޮންމެ ދުވަހެއްގެ 13:00އިން 14:00އަށް އެސްއެސްޓީވީން ގެނެސްދިން 'ފަސްރުކުން' ޕްރޮގްރާމުގައި އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކުރި މީހުންގެ ތެރެއިން ހޮވޭ މީހަކަށެވެ.

އެ އުމްރާ ދަތުރު ދެނީ ފަރީ ޙައްޖު އެންޑް އުމްރާ ގުރޫޕުންނެވެ. އެ ދަތުރުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ، 7444632 އެވެ. އެއީ ފ. ނިލަންދޫ، ހަދީޖާ އަލީ އެވެ.

ހަދީޖާ ވެސް ވަނީ، ނަސީބުވެރިއަކަށް ހޮވުމުން ވަރަށް އުފާވާ ކަމަށާއި އެފަދަ ނަސީބެއް ލިބިފައިވަނީ އަލަށް ކަމަށް ބުނެފައެވެ.

"މި ކަހަލަ ޕްރޮގްރާމެއްގައި ބައިވެރިވެ، ފުރަތަމަ ފަހަރަށް މިކަހަލަ ނަސީބެއް އަޅުގަނޑަށް ލިބުނީތީ ވަރަށް، ވަރަށް އުފާވެއްޖެ. އަޅުގަނޑު ފެށިގެން ވެސް، ރަމަޟާން މަސް ނިމެންދެން ކޮންމެ ދުވަހަކު ވެސް އަޅުގަނޑާއި އަޅުގަނޑުގެ ދެ ކުދިންނާ އެސްއެމްއެސް ކުރަން،" އޭނާ ބުންޏެވެ.

ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް، ފަރީ ހައްޖު އެންޑް އުމްރާ ޓުއާސްއާއެކު އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ

އެސްއެސްޓީވީން ގެނެސްދިން ކުއިޒްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ކުއިޒަކީ 'މިއީ ކޮންރަށެއް؟' މުބާރާތެވެ. އެ މުބާރާތުން އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކުރާ މީހުންގެ ތެރެއިން ނަސީބުވެރިއަކަށް 5000 ރުފިޔާ ހުށަހަޅާފައިވެއެވެ.

އެ މުބާރާތުގައި ގެނެސްދިން 29 ސުވާލުގެ ޖަވާބު 32 ބައިވެރިން ދިމާކޮށްފައިވާއިރު، އޭގެ ތެރެއިން ގުރުއަތުން ހޮވުނީ 7284066 އެވެ.

މީގެ އިތުރުން މި ރޯދަމަހު އެސްއެސްޓީވީއިން ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ކަނޑައެޅި، އަލޯރާއިން ހުށަހަޅާފައިވާ ބެޑްރޫމްސެޓުގެ ނަސީބުވެރިއަކީ 9661020 އެވެ. އަދި ގަވިންއިން ހުށަހެޅި ގޮނޑިސެޓުގެ ނަސީބުވެރިއަކަށް ހޮޮވިފައި ވަނީ 7399202 އެވެ.

އެސްއެސްޓީވީން ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެން އަދަބީ ސުވާލު މުބާރާތެއް ވެސް ކުރިއަށްގެންގޮސްފައިވެއެވެ. އެ މުބާރާތުގެ އެންމެ ގިނަ ސުވާލު ރަނގަޅުކޮށް، ނަސީބުވެރިއަކަށް ހޮވިފައިވަނީ 7724534 އެވެ.

comment ކޮމެންޓް