މުޖުތަމައުގެ ސުލްހަވެރިކަމާއި އެއްބައިވަންތަކަމަށްޓަކައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރާ ކަމަށް ދިވެހިބަހުގެ އެކެޑަމީން މިއަދު ބުނެފިއެވެ.
ކޮންމެ އަހަރެއްގެ ވެސް މާރިޗު 21 ވަނަ ދުވަހަކީ ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. އެގޮތުން މިއަހަރު އެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ، "ސުލްހަވެރިކަމާއި އެއްބައިވަންތަކަމަށްޓަކައި ޅެންވެރިކަން"އެވެ.
ދުވަހާ ގުޅިގެން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ދިވެހިބަހުގެ އެކެޑަމީން ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އަޚުންނާއި އުޚުތުންނަށް އަރިސްކޮށްފައެވެ.

ދިވެހި ބައެއް ޅެން ފޮތްތައް-- ފޮޓޯ: ޅެންވެރިޔާ
ދުވަހާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ނައިބު ރައީސް ޒުލްފާ އިބްރާހީމް ވިދާޅުވީ، ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހެއް ޔުނެސްކޯއިން ފާހަގަކުރަނީ ވަރަށް މުހިންމު މަގްސަދެއްގައި ކަމަށެވެ. ސަބަބަކީ ވަރަށް ގިނަ މުޖުތަމައުތަކުގައި އެބައެއްގެ ވާހަކަތަކާއި، އާދަކާދަތައް ގެނެސްދީފައި ވަނީ ޅެންވެރިކަމުގެ ތެރެއިން ކަމަށް ވާތީ ކަމަށެވެ. މިސާލަކަށް ރާއްޖެއަށް ބެލި ނަމަވެސް ބޮޑުތަކުރުފާނުގެ ވާހަކަފަދަ އެ ގައުމެއްގެ ތާރީޚީ ކަންކަން ބޮޑަށް ހުރީ ޅެމުގެ ސިފައިގައި ގެނެސްދީފައި ކަމަށް ޒުލްފާ ވިދާޅުވިއެވެ.
އޭގެ އިތުރުން އާބާދީ ކުޑަ ގައުމުތަކުގެ ބަހަކަށް ވިޔަސް ނޫނީ ނެތުމުގެ ބިރު އޮތް ބަހަކަށް ވީނަމަވެސް އެ ބަހެއް ރައްކާތެރިކޮށް، ކުރިއެރުވުން އެއީ ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހެއް ފާހަގަކުރުމުގެ ވަރަށް މުހިންމު މަގުސަދެއް ކަމަށް ޒުލްފާ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް އެއީ ބަސް ކުރިއެރުވުމަށް ހިތްވަރުދިނުން ކަމަށް ޒުލްފާ ވިދާޅުވިއެވެ.
ޒުލްފާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެސް ޅެންވެރިކަން އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ފުޅާވަމުންނެވެ.
އޭރަށް ބަލާއިރު ކުރީގެ ރައީސް މުހައްމަދު އަމީންގެ ޒަމާނުގައި ވެސް ވަރަށް ފުން މާނަ އެކުލެވޭ ޅެންތައް ހެއްދެވި މޮޅު ބޭފުޅުން އުފެދުނު ކަމަށާއި، އޭގެ ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ވެސް ޅެންވެރިކަމާއި އަދަބިއްޔާތު ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިއަދު އޭގެ ނަތީޖާ ވަރަށް ބޮޑަށް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ވެސް ރާއްޖޭގައި ވަރަށް މޮޅަށް ޅެން ހައްދަވާ ބޭފުޅުންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ވެސް އެބައުޅުއްވާ ކަމަށް ޒުލްފާ ވިދާޅުވިއެވެ. އަދި ޅެންވެރިކަަމަށް ޝައުގުވެރިކަން ހުރި އަދި އެއަށް ސަމާލުކަން ދޭ ޒުވާނުން ވެސް އިތުރުކަމަށް އޭނާ ވިދާޅުވިއެވެ.
ޒުލްފާ ވިދާޅުވި ގޮތުގައި މިއަދުގެ ޝިއާރުން އެނގޭ އެއްޗަކީ ޅެންވެރިކަމަކީ ނުވަތަ ޅެމަކީ ކިހާ ބާރުގަދަ އެއްޗެއްކަމެވެ. ޅެމަކީ، ޅެމެއް އަޑުއަހާނަމަ މީހުން އެއާދޭތެރޭ ވިސްނަން މަޖުބޫރުކުރުވާ އަދި އެ އަޑުއަހާ ބަޔަކަށް ވަރަށް ބައިވަރު ކަންތައްތަކެއް ދޭހަވެ ދަސްވާ ކަމެއް ކަމަށް ޒުލްފާ ވިދާޅުވިއެވެ.
އަދި ޅެމަކީ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ، މުޖުތަމައުއަށް ނުހަނު ބޭނުންތެރި އެއްޗެއް ކަމަށް ޒުލްފާ ވިދާޅުވިއެވެ. ޚާއްސަކޮށް މުޖުތަމައުގެ ސުލްހައާއި އެއްބައިވަންތަކަން ދަމަހައްޓަން ވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޅެންވެރިކަން ކުރިއެރުވުމަށް ދިވެހިބަހުގެ އެކެޑަމީން މަސައްކަތްތަކެއް ކުރެއެވެ. ޚާއްސަކޮށް ސްކޫލް ކުދިންނަށް އަމާޒުކޮށް، ޅެން ހެދުމުގެ ގައުމީ މުބާރާތާ ދިމާކޮށް ޅެން ހެދުމުގެ ފިލާވަޅުތަކެއް ނަގައިދެއެވެ. އޭގެ ސަބަބުން ޅެން ހެދުމުގެ މުބާރާތުން އޭގެ ރަނގަޅު ނަތީޖާ ވެސް ފެންނަ ކަމަށް ދިވެހިބަހުގެ އެކެޑަމީން ބުންޏެވެ. އެގޮތުން މިއަހަރު ވެސް ޅެން ކޯހެއް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށް ޒުލްފާ ވިދާޅުވިއެވެ. އަދި ދިވެހި ޅެންވެރިންގެ ދުވަހާ ގުޅުވައި، ޅެންވެރިންގެ މަރިޔާދެއް ވެސް ބޭއްވި ކަމަށް އޭނާ ވިދާޅުވިއެވެ.