ސިޔާސީ ލީޑަރުން ޒިންމާ އަދާކޮށް، މާލީ ހާލަތާ ގުޅޭ މައުލޫމާތު ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ރުފިޔާ އެކައުންޓުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މި ވަގުތު ސިޔާސީ ހުރިހާ ލީޑަރުންގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ.
އެހެންވެ، މާލީ ހާލަތު މި ހިސާބަށް ދިޔަގޮތާއި ދެން ވެދާނެ ކަމަށް ލަފާ ކުރެވޭ ގޮތާއި އަރައިގަތުމަށް އަމަލުކުރަން ރާވާފައި އޮތް ގޮތްތައް ސާފު ބަހުން ކިޔައިދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ބީއެމްއެލުން ނިންމައިފައިވަނީ، މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ތެރެއިން ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓަކަށްވާނަމަ ބޭރު ފައިސާގެ ގޮތުގައި ދެން އެއްވެސް އަދަދެއް ނުދިނުމަށާއި މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް ވެސް ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ ގޮތުގައި އެއްވެސް އަދަދެއް ނުދިނުމަށެވެ.
މީގެ އިތުރުން، މިހާރު ދޫކޮށްފައިވާ ސްޓެންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކަށް ވެސް މަހެއްގެ މައްޗަށް ލިބޭނީ 100 ޑޮލަރު ކަމަށް ބޭންކުން ވަނީ ނިންމައިފައެވެ.
ވަކި މުއްދަތެއް ނެތް ގޮތަށް އިއުލާންކޮށްފައިވާ އެ ކުއްލި ނިންމުމާއެކު، ބޭރުގައި ތިބި ދިވެހިންނަށް ޑޮލަރު ލިބުން ދަތިވެ، އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފައެވެ.