ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމި ނިންމުމަކީ އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް އެކަށީގެންވާ ވަރަށް ނުވިސްނައި ނިންމައިފައިވާ ނިންމުމެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ބޯޑުގެ ނިންމުމަކާ އެއްގޮތަށް، ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓަކަށްވާނަމަ ބޭރު ފައިސާގެ ގޮތުގައި ދެން އެއްވެސް އަދަދަކަށް ޑޮލަރު ދޫނުކުރަން މިއަދު އެ ބޭންކުންވަނީ ނިންމައިފައެވެ.
ފައްޔާޒު އެކްސްގައި ވިދާޅުވީ އެފަދަ ކުއްލި ބަދަލެއްގެ ސަބަބުން ދަރިވަރުންނަށާއި ވިޔަފާރިތަކަށް ވަރަށް ނޭދެވޭ އަސަރުތައްކޮށް، ވެބްސައިޓްތަކަށާއި ސޮފްޓްވެއާތައް ފަދަ ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ބުރޫ އަރާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ޕްރައިވެޓް ސެކްޓާއަށް ލިބޭނެ ގެއްލުން ސަރުކާރަށް އަންދާޒާ ކުރެވޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދާ މެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ނުއުފުލޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް ކަށަވަރުކަމާއެކު މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު ބީއެމްއެލްއިން ރުފިޔާ އެކައުންޓުތަކަށް ޑޮލަރު ދޫނުކުރަން ނިންމުމަކީ ވިސްނުންތެރި ނިންމުމެއް ނޫން ކަމަށް ސިފަކުރައްވައި އޭނާ ވިދާޅުވީ، އޭގެ ސަބަބުން ހުރިހާ ދާއިރާއަކަށް ވެސް އަސަރު ކުރާނެ ކަމަށެވެ.
ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި، ޑޮލަރު ދޫނުކުރުމަށް ބަދަލު ގެނައީ ކާޑުތަކުން ކުރާ ބޭރު ފައިސާގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދު އެއް ވަރެއްގައި ހިފެހެއްޓިފައި ހުރުމުން ކަމަށެވެ.
ބީއެމްއެލްގައި 42 އަހަރު ޚިދުމަތް ކުރައްވާފައިވާ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވަކިކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ ނިންމައިފައެވެ.
އެ ނިންމުމަށް ވެސް ފާޑު ވިދާޅުވެ ރޭ ފައްޔާޒު ވަނީ، ސަރުކާރުން ބޭންކަށް ނާޖާއިޒު ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި، ގައުމުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަމަށްޓަކައި އެފަދަ ކަންކަން ހުއްޓާލުމަށް ގޮވައިލައްވައިފައެވެ.