ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާއިން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރި ހޯދައިފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 އިންނެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވެސް ބާސާއިންނެވެ. މި ލަނޑު އެ ޓީމަށް މެޗުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ލެމީން ޔަމާލެވެ. މިއީ މި ސީޒަންގައި އޭނާ ބާސާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ބާސާއިން މެޗުގެ ލީޑު ނެގި ނަމަވެސް ބިލްބާއޯއިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 42 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ. އެ ޓީމަށް ލިބިގެންދިޔަ ޕެނަލްޓީއަކުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އޮއިހާން ސަންސެޓުއެވެ.
މި މެޗުން ބާސާ މޮޅުވި ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ޖަހައިދިނީ ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. މެޗުގައި މި ލަނޑު ޖެހުމުގެ އިތުރުން އޭނާ ފޮނުވާލި އިތުރު ދެ ހަމަލާއެއްވަނީ ބިލްބާއޯގެ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ. މި ކާމިޔާބީއާ އެކު ބާސާއިންވަނީ އާ ސީޒަންގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރިކޯޑެއް ދަމަހައްޓާފައެވެ.
ބާސާއަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ހުރެ އެ ޓީމަށް އަލަށް ސޮއިކުރި ޑާނީ އޮލްމޯ ވަނީ މެޗު ފެށުމުގެ ކުރިން ލަލީގާގައި ރަޖިސްޓާ ކުރެވޭގޮތް ނުވެފައެވެ. ނަމަވެސް، މީގެ ދެ ދުވަސް ކުރިން އިލްކައި ގުންޑޮގާން ފްރީ ޓްރާންސްފާއެއްގައި މެންޗެސްޓާ ސިޓީއަށް އެނބުރި ދިއުމާ އެކު ބާސާ ދެން ކުޅޭ މެޗެއްގައި އޮލްމޯއަށް ކުޅެވޭވަރު ވާނެކަމަށްވަނީ ބެލެވިފައެވެ.
މުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު އޮސަސޫނާއާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރީ އޮސަސޫނާއެވެ. މި މެޗުގައި އޮސަސޫނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރުބެން ގާސިއާ ސަންޓޯސްއެވެ.
ރެއާލް ސޮސިއެޑާޑްއާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރީ ރަށުން ބޭރުގައި ކުޅުނު ސޮސިއެޑާޑްއެވެ. މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޓަކެފޫސާ ކޫބޯއެވެ. އަދި، ގެޓާފޭއާއި ރާޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި ނިމުނީ އެއްވަރުވެގެންނެވެ.