އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އެމެރިކާގައި ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ރޮބާޓް އެފް ކެނެޑީ ޖޫނިއާ ކެމްޕޭނު ދޫކުރައްވައި، އިދިކޮޅު ރިޕަބްލިކަން ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް، އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.
ކެނެޑީ ޖޫނިއާއަކީ އަވަހާރަ ކޮށްލާފައިވާ އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީއަށް ބޮޑުބޭބެ ކިޔާ ބޭފުޅެކެވެ. އަދި އަވަހާރަކޮށްލާފައިވާ ކުރީގެ އެޓާނީ ޖެނެރަލް އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ރޮބާޓް އެފް ކެނެޑީގެ ދަރިކަލުންނެވެ.
ކެމްޕޭން ދޫކޮށްލައްވަން ކެނެޑީ ނިންމަވާފައިވީ ނަމަވެސް، އޭނާގެ ނަން އަނބުރާ ގެންދަވާފައި ވަނީ އެންމެ 10 ސްޓޭޓެއްގެ ވޯޓު ކަރުދާހުންނެވެ. އެހެން ސްޓޭޓްތަކުގައި އޭނާ ވާދަ ކުރައްވާނެއެވެ.
ކެމްޕޭން ހުއްޓައިލެއްވުމަށް ފަހު ޓްރަމްޕަށް ތާއީދު ކުރައްވާކަން އިއުލާނު ކުރައްވައި 70 އަހަރުގެ ކެނެޑީ ވަނީ އެރިޒޯނާގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ޓްރަމްޕާ އެކު ބައިވެރިވެ ވަޑައިގަންނަވާފައެވެ.
އުމުރުގެ ބޮޑު ބައެއް ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރެއްވި ކެނެޑީ ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ކެންޑިޑޭޓް، ރައީސް ޖޯ ބައިޑަންއާ ވާދަ ކުރައްވައި ޓިކެޓު ކާމިޔާބު ކުރެއްވުމަށް މަސައްކަތްކުރައްވައިފައެވެ. ނަމަވެސް އެ ކަން ނާކާމިޔާބުވުމުން އޭނާ ވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވަން ނިންމަވާފައެވެ.
ޓްރަމްޕަށް ތާއީދު ކުރައްވަން ނިންމެވުމުގެ ކުރިން ޓްރަމްޕާއި އޭނާގެ މުޝީރުންނާ ބައްދަލު ކުރެއްވި ކަމުގައި ކެނެޑީ ވިދާޅުވިއެވެ.
ރައީސްކަމަށް އިންތިޚާބު ވެއްޖެނަމަ، 1963 ވަނަ އަހަރު ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލި މައްސަލައާ ގުޅޭ ބާކީ ހުރި ހުރިހާ ލިޔެކިޔުންތަކެއް އާންމު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ތިމާވެށީގެ ދާއިރާގެ ގާނޫނީ ވަކީލެއް ކަމުގައިވާ ކެނެޑީއަކީ ވެކްސިން ޖެހުމާ ދެކޮޅަށް ވަކާލާތު ކުރާ އެކްޓިވިސްޓެކެވެ.
ކެނެޑީގެ އެ ނިންމެވުމާ ގުޅިގެން ޑިމޮކްރެޓިކް ނޭޝަނަލް ކޮމެޓީގެ ސީނިއާ އެޑްވައިޒާ މެރީ ބެތު ކެހިލް ނެރުއްވި ބަޔާނެއްގައި ވަނީ ކެނެޑީއަކީ ނާކާމިޔާބު މީހެއް ކަމަށް ސިފަ ކުރައްވައި، ޓްރަމްޕަށް ލިބުނީ އިތުރު ސަޕޯޓެއް ނޫން ކަމަށް ވިދާޅުވެފައެވެ.
މަސްރަހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ޑްރެކްސެލް ޔުނިވާސިޓީގެ ޕޮލިޓިކަލް ސައިންސްގެ ދާއިރާގެ މާހިރެއް ކަމުގައިވާ ޕްރޮފެސާ ވިލިޔަމް ރޮސެންބާގު ވެސް ވިދާޅުވީ ކެނެޑީ ޓްރަމްޕާ ގުޅިގެން ހެރިސްގެ ކެމްޕޭނަށް ނުރައްކަލެއް ނެތް ކަމުގައެވެ.
އަދި ކެނެޑީ ޓްރަމްޕާ ގުޅިފައި ވަނީ ޓްރްމަޕް ވެރިކަން ލިބިއްޖެނަމަ، ސަރުކާރުގެ މަތީ މަގާމެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.