ބަންގްލަދޭޝްގައި ފެންބޮޑުވެ، ފަސް މިލިއަން މީހުން އެހީ ބޭނުންވެފައި

ބަންގްލަދޭޝްގައި ފެންބޮޑުވުމުގެ ސަބަބުން ފަސް މިލިއަން މީހުން ތިބީ އެކި ސަރަހައްދުތަކުގައި ތާށިވެފައި -- ފޮޓޯ/އަލް ޖަޒީރާ

ބަންގްލަދޭޝްއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހުމާ ގުޅިގެން ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ގާތްގަނޑަކަށް ފަސް މިލިއަން މީހުން ތާށިވެއްޖެއެވެ.

ބަންގްލަދޭޝްގެ 11 ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު އެކަމާ ގުޅުންހުރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 15އަށް އަރައިފައެވެ. އެގައުމުގެ ސަރުކާރުގެ ހިސާބުތަކުން ދައްކާގޮތުން މިއީ 2018 ވަނަ އަހަރަށްފަހު އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާއެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ބްރެކްގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޑިރެކްޓަރު ލިއާކަތު އަލީ ވިދާޅުވި ގޮތުގައި މިއީ ފާއިތުވެދިޔަ 30 އަހަރު ތެރޭގައި ވެސް އެގައުމަށް ކުރިމަތިވި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާއެވެ.

އެގައުމަށް އަދިވެސް ވާރޭ ވޭހުން ހުއްޓައިލައިފައިނުވާތީ، ގިނަ ސަރަހައްދުތަކުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގައި މިފަހަރު ފެންބޮޑުވެފައި ވަނީ ފާއިތުވެދިޔަ 30 އަހަރު ނުވާހާ ބޮޑަށް -- ފޮޓޯ/އަލް ޖަޒީރާ

ބަންގްލަދޭޝް ސަރުކާރުން އަންނަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ހާލުގައިޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ސިއްހީ ސާމާނު ފޯރުކޮށްދެމުންނެވެ. އަދި ގެއްލުން ލިބުނު މީހުންނަށް ބޭނުންކުރެވޭނެ 3176 ވަގުތީ ހިޔާ ގާއިމުކޮށްފައިވާއިރު، 639 ޑޮކްޓަރުން ހިމެނޭ ޓީމެއްވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ބްރިކްސްއިން ބުނި ގޮތުގައި ފެންބޮޑުވުމާ ގުޅިގެން މުވާސަލާތީ ޚިދުމަތް މެދުކެނޑި، ދަތުރުފަތުރު ކުރުމަށް ވެސް ވަނީ ބުރޫއަރައިފައެވެ.

ބަންގްލަދޭޝަށް ވިއްސާރަ މޫސުމުގައި އާދަޔާ ޚިލާފަށް ގިނައިން ވާރޭވެހުމާ ގުޅިގެން ކޯރުތަކުގެ ކައިރީގައި ދިރިއުޅޭ 3.5 މިލިޔަނެއްހާ މީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ބެލެވޭ ކަމަށް ވޯލްޑް ބޭންކުން 2015 ވަނަ އަހަރު ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ލަފާކޮށްފައިވެއެވެ. ސައިންސްވެރިން ބުނެފައިވާ ގޮތުގައި, ބައެއް ގައުމުތަކަށް ވާރޭވެހޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެފައިވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅިގެންނެވެ.

comment ކޮމެންޓް