އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އަލަށް ލީގަށް ޕްރޮމޯޓްވި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު ސިޓީން ކާމިޔާބުކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކުރީ ފަހަތުން އަރައި ހަތަރު ލަނޑު އެއް ލަނޑުންނެެވެ. ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ.
މިމެޗު ފެށުމުގެ ކުރިންވަނީ, އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ކަމުން މިދިޔަ ސީޒަންގައި އެޓީމުން ކާމިޔާބު ކުރި ތަށިތައް އެޓީމުގެ ސަޕޯޓަރުންނަށް ދައްކާލައިފައެވެ. ވަރަށް ފޯރިއާއެކު ސިޓީއިން މެޗު ފަށައި އިޕްސްވިޗްގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ނަމަވެސް ޑިފެންސްއިން ރަނގަޅަށް ނުވިސްނާ ތިއްބާ ފެނުނީ އިޕްސްވިޗްއިން އުފެއްދި ފުރަތަމަ ހަމަލާގައި ލަނޑެއް ޖަހާ މުޅި ދަނޑު ސިއްސުވާލިތަނެވެ.
މެޗުގެ ހަތް ވަނަ މިނެޓުގައި މިލަނޑު އިޕްސްވިޗްއަށް ޖަހައިދީ އެޓީމަށް އެންމެ ފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް ލީޑު ނަގައިދިނީ ސާމީ ޒުމޯޑިޗްއެވެ. ނަމަވެސް އިޕްސްވިޗްއަށް މިލީޑު ދެމެހެއްޓޭވަރުވީ ފަސް މިނެޓު ވަންދެނެވެ. މިގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އާލިން ހާލަންޑްއެވެ.
މިމެޗުގައި ދެން ފެނުނީ ގާތް ގާތުގައި ސިޓީއިން އިތުރު ދެ ލަނޑު ޖަހާ މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގި ތަނެވެ. މިގޮތުން ސިޓީއިން މިމެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑު 14 ވަނަ މިނެޓުގައި ކެވިން ޑި ބްރުއިނާ ކާމިޔާބު ކޮށްދިން އިރު އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ހާލަންޑްއެވެ. މިއާ އެކު މިމެޗުގައި ގިނަ ލަނޑު ތަކެއް ފެނިގެން ހިނގައިދާނެ ކަމަށް ހީވި ނަމަވެސް އިޕްސްވިޗް އިން އެއާއެކު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅި ޑިފެންސް ވަރުގަދަ ކުރެވޭތޯ މަސްއްކަތް ކޮށްފައެވެ. މިހާފުގައި ސިޓީއިން ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއްނުވިއެވެ. ނަމަވެސް މީގެތެރެއިން ދެ ހަމަލާއެއްވަނީ އިޕްސްވިޗްގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މިމެޗުގެ ދެވަނަ ހާފުގައިވެސް ފެނުނީ ފުރަތަމަ ހާފެކޭ އެއްގޮތް ކުޅުމެކެވެ. މިގޮތުން ސިޓީން ހަމަލާއަށް އިސްކަން ދެމުންދިޔަ އިރު އިޕްސްވިޗްއިން މަސައްކަތް ކުރަމުންދިޔައީ ރަނގަޅަށް ޑިފެންޑް ކުރެވޭތޯއެވެ. ސިޓީން މިހާފުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިޕްސްވިޗްއިންގެ ގޯލް ފޫއަޅުވާލުމުގައި ދަތިތަކެއް ކުރިމަތިވެގެންދިޔަތަން ފެނުނެވެ.
މިމެޗުގައި ސިޓީން ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހައިދީ ހާލަންޑްވަނީ ހެޓްރިކް ހަދާފައެވެ. މިލަނޑާއެކު މިދިޔަ ދެސީޒަންގައި ރަން ބޫޓު ހާސިލްކޮށްފައިވާ ހާލަންޑް މިވަނީ ލީގުގެ ދެމެޗުގައި ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ.
ދާދިފަހުން ސިޓީއަށް އެފްސީ ބާސެލޯނާއިން އެނބުރި އައި އެޓީމުގެ ކުރީގެ ކެޕްޓަން އިލްކައި ގުންޑޮގާންވަނީ ދެވަނަ ހާފުގައި ކުޅެން އަރާފައެވެ.
މިކާމިޔާބީއާއެކު ސިޓީއިން މިވަނީ މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްފައެވެ. އަދި 22 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުން ޖާގަހޯދި އިޕްސްވިޗް މިވަނީ ފުރަތަމަ ދެމެޗުން ބަލިވެފައެވެ.