މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ލިބުނު ބޮލީވުޑް ފިލްމު "ޖަވާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމަކަށް އަކްޝޭ ކުމާރު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިއީ ސިދާތު އާނަންދާ އެކު އަކްޝޭ މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެވެ. ސިދާތުގެ ހިއްސާ އޮންނަ މި ފިލްމަކީ އެކްޝަން ފިލްމެއް ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ މިލަން ލުތުރިއާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިލަން ލުތުރިއާ ވަނީ 2013ވަނަ އަހަރު ގެނެސްދިން "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދޮބާރާ"ގައި ވެސް އަކްޝޭއާ އެކު މަސައްކަތް ކޮށްފައެވެ.
ފިލްމު "ޕަތާން"ގެ އިތުރުން "ވޯ" އަދި "ފައިޓާ" ފަދަ ފިލްމުތައް ގެނެސްދީފައިވާ ސިދާތު އާނަންދުގެ ފިލްމު ކުންފުނި މާފްލިކްސް ޕިކްޗާސްގެ މި ފިލްމުގައި އަކްޝޭ ފެންނާނީ މީގެކުރިން އެކްޓަރު ފެނިފައިނުވާ ކަހަލަ ވަރުގަދަ އެކްޝަން ރޯލަކުން ކަމަށް ޕިންކްވިލާއާ ހަވާލާދީ ބޮލީވުޑް ހަންގާމާގައި ވަނީ ބުނެފައެވެ.
މިހާރު ވެސް އަހަރެއްގެ މައްޗަށް ކުޅޭ ފިލްމުތައް ގިނަވުމާ ގުޅިގެން އަކްޝޭއަށް ބެލުންތެރިންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު އަކްޝޭގެ ކޮމެޑީ ފިލްމު "ކޭލް ކޭލް މޭ"ވަނީ މި މަހުގެ 15ގައި ސިނަމާތަކުގައި އަޅުވާފައެވެ.
ސިދާތު އާނަންދުގެ ކުންފުނިން އަކްޝޭއާ އެކު އުފައްދާ ފިލްމުގެ ތަފުސީލު އާއްމުކޮށްފައި ނުވާއިރު އެ ކުންފުނިން އަންނަނީ ހައި ޕްރޮފައިލް ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.
އެއީ އެކްޓަރު ސައިފް އަލީ ޚާން ހިމަނައިގެން އުފައްދާ ފިލްމު "ޖުވެލް ތީފް" އަދި އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ސިނަމާތަކުން ފެންނާނެ ފުރަތަމަ ފިލްމު"ކިންގް"އެވެ.
މީގެ އިތުރުން ސިދާތު އަންނަނީ ރިތިކް ރޯޝަންގެ މަޝްހޫރު ފްރެންޗައިސް ފިލްމު "ކްރިޝް"ގެ ހަތަރު ވަނަ ބައި ގެނެސްދިނުމަށް ތައްޔާރުވަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.