ރާއްޖޭގެ ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި

ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެއްޓެވުމަށް ޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައިވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޖަމިއްޔަތު ތުފޫދުލް ޙަރަމްގެ ރައިސް އަލްއުސްތާޛު ދުކްތޫރު ޙަމްދާން ބިން ޙުމައިދު ބިން ބުރައިކް އައްސުލަމީއެވެ.

މިރޭގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ ކަންތައްތަކާ ޙާސިލްކުރައްވަމުން ގެންދަވާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.

އަދި، މިއަދުގެ ސަރުކާރަކީ އިސްލާމްދީނަށް ނަޞްރު ދިނުމުގައި ދެމި ތިބޭނެ ސަރުކާރެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު: ވިދާޅުވީ މިނިސްޓްރީ ކުރިއަށް ގެންދާ ކަންކަމުގައި އެންމެ މުހިންމު ބަޔަކީ ދީނީ އިލްމުވެރިން ކަމަށް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މީގެއިތުރުން، ވަޒީރު ޝަހީމް ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ ޢިލްމުވެރިން ކަމަށާއި އެ ކަންކަމުގައި ޢިލްމުވެރިންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް ދީނީ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު، ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭކަމީ އުފާ ކުރައްވާ ކަމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިރޭ ފެށުނު ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވާއިރު، ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިންމު މައުޟޫތަކަށް ބަހުސް ކުރުމާއި ތަފާތު މައުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގެ ނިޔަލަށެވެ.

comment ކޮމެންޓް