ބަތަލާ ރާނީ މުކަރުޖީ ފުލުހެއްގެ ރޯލް ކުޅެފައިވާ މަގުބޫލު ސިލްސިލާ ފިލްމު "މަރުދާނީ"ގެ ތިންވަނަ ބައި ގެނެސްދޭން ނިންމާފައިވާ ކަމަށް ޔަޝް ރާޖް ފިލްމްސްއިން ކަށަވަރުކޮށްދީފިއެވެ.
ޔަޝްރާޖް ފިލްމްސްއިން މިކަން ކަށަވަރުކޮށްދީފައިވަނީ 2014ވަނަ އަހަރު ރިލީޒްކުރި "މަރުދާނީ"ގެ ފުރަތަމަ ފިލްމު ރިލީޒްކުރިތާ 10 އަހަރު ފުރުމާ ދިމާކޮށެވެ.
މި ފިލްމުގެ ކުރީގެ ދެ ބައިގެ މުހިއްމު މަންޒަރުތައް ހިމެނޭ ކުރު ވީޑިއޯ ކްލިޕްތަކާ އެކު ޔަޝް ރާޖް ފިލްމްސްއިން ރިލީޒްކުރި ވީޑިއޯއާ އެކު ބެލުންތެރިންގެ ފަރާތުން މި ފްރެންޗައިސަށް ލިބެމުން އަންނަ ތަރުހީބަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ބަތަލާ ރާނީ މުކަރުޖީ އަދި ފިރިމީހާ އަދިތިޔަ ޗޯޕްރާ--ފޮޓޯ/ކޮއިމޮއި
ފިލްމު "މަރުދާނީ3"ގައި ބަތަލާ ރާނީ ފުލުސް ޝިވާނީގެ ރޯއިގެ ރޯލުން ފެންނާނީ ކުރީގެ ދެ ފިލްމަށްވުރެ ވަރުގަދަކޮންނެވެ. ބަތަލާ ރާނީގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭ ހިމެނޭ "މަރުދާނީ"އަކީ ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.
މިހާތަނަށް ގެނެސްދެވުނު ދެ ފިލްމު ވެސް ގެނެސްދީފައިވަނީ އޯޑިއަންސަށް ޚާއްސަކޮށް ވަރަށް ވަރުގަދަ މެސެޖަކާ އެކުއެވެ. މި ފްރެންޗައިސްގެ ތިންވަނަ ބައިން ރާނީ މުކަރުޖީ ފެންނާނެކަން ކަށަވަރުވެފައިވީ ނަމަވެސް ކާސްޓުން ފެންނާނެ އެހެން ތަރިންގެ މައުލޫމާތު އިއުލާނެއް ނުކުރެއެވެ.
ޔަޝް ރާޖް ކުންފުނީގެ އިސްވެރިޔާ ކާމިޔާބު ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދިތިޔަ ޗޯޕްރާގެ އަންހެނުން ރާނީ މުކަރުޖީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އިންނެވެ.