ކުނާލްގެ ޑްރާމާ ސީރީސް 'ސިންގަލް ޕާޕާ' ދެވަނަ ސީޒަނަކާ ދިމާލަށް

ނެޓްފްލިކްސްއިން މިދިޔަ ޑިސެމްބަރު މަހުގެ 12ގައި ޕްރީމިއާކުރި ކޮމެޑީ ޑްރާމާ ޓެކެވިޒަން ސީރީސް "ސިންގަލް ޕާޕާ"ގެ ދެ ވަނަ ސީޒަނެއް ވެސް ގެނެސްދޭނެކަން އިއުލާނުކޮށްފިއެވެ.

ނެޓްފްލިކްސްއިން މިދިޔަ ހޯމަ ދުވަހު އެކަން އިއުލާނު ކުރަމުން އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބެލުންތެރިންނަށް މަރުހަބާ ކިޔަމުން ބުނެފައި ވަނީ "ސިންގަލް ޕާޕާ"ގެ ދެވަނަ ސީޒަން ގެނެސްދިނުމުގެ މަސައްކަތް އެ ޕްލެޓްފޯމްއިން ކުރަމުން އަންނަ ކަމަށާއި އެކަމަށް ބެލުންތެރިން ތައްޔާރުވެ ތިބުމަށެވެ.

މި ޑްރާމާ ސިރީސް އަކީ ނީރަޖް އުދުވާނީ އާއި އިޝީތާ މޮއިރާ އަދި ޝްރުތީ މަދަން ގުޅިގެން ތައްޔާރުކޮށްފައިވާ ސްކްރިޕްޓަކަށް ޝަޝާންކް ހައިތާން ޑައިރެކްޓްކޮށްފައިވާ ސީރީސްއެކެވެ.

މި ޑްރާމާ ސީރީސްގެ ފުރަތަމަ ސީޒަންގައި ހަ އެޕިސޯޑު ގެނެސްދިންއިރު "ސިންގަލް ޕާޕާ"ގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިންގެތެރޭ ކުނާލް ކެމޫ، ޕްރަޖަކްތާ ކޮލީ، މަނޯޖް ޕާހްވާ އަދި އަޔެޝާ ރަޒާ މިޝްރާ ހިމެނެއެވެ.

ސިންގަލް ޕާޕާގައި ކުޑަ ކުއްޖެއްގެ ރޯލް ކުޅޭ ކެރެކްޓާއާ އެކު އެ ސީރީސްގެ ދެވަނަ ސީޒަން ނެޓްފްލިކްސްއިން އިއުލާނުކޮށްފައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި ޑްރާމާގެ ވާހަކަ ބިނާކޮށްފައި ވަނީ އަނބިމީހާ ވަރިކުރުމަށްފަހު މާގިނަ ދުވަސްތަކެއް ނުވެ ކުއްޖަކު އެޑޮޕްޓް ކުރުމަށް ނިންމާ ފިރިހެނެއްގެ ދިރިއުޅުމަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ.

އެކަމާ ގުޅިގެން އާއިލާގެ މެމްބަރުންގެ މެދުގައި އެކަމާ ޚިޔާލު ތަފާތުވެ އެކަކު އަނެކަކުގެ މެދުގައި ހުރި ކަންބޮޑުވުންތަކުން މިންޖުވުމަށް ކުރާ މަސައްކަތްތައް މި ސީރީސްއިން ބެލުންތެރިންނަށް ވަނީ ގެނެސްދީފައެވެ.

މި ސީރީސްގެ ދެވަނަ ސީޒަނެއް ގެނެސްދޭން ނިންމާފައި ވަނީ ބެލުންތެރިންގެ ފަރާތުން ސީރީސްއަށް ލިބެމުން އަންނަ ތަރުހީބާ ގުޅިގެން ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.

ދެވަނަ ސީޒަންގައި ގެނެސްދޭ ވާހަކައިގެ މާބޮޑު ތަފުސީލެއް ނެޓްފްލިކްސްއިން ހާމަކޮށްފައި ނެތް ނަމަވެސް ދެވަނަ ސީޒަންއިން ބެލުންތެރިން މާޔޫސްކޮށް ނުލާނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް