ދީޕިކާގެ އުފަންދުވަހުގެ ފިލްމު ޓެކްނީޝަނުންނަށް ޚާއްސަ ހަދިޔާއެއް

ދީޕިކާ ވަނީ ބަތަލާގެ އުފަންދުވަހު އިންޑަސްޓްރީގެ ޓެކްނިކަލް މީހުންނަށް ހާއްސަ އުނގެނުމުގެ ޕްރޮގްރާމްތަކެއް ލޯންޗްކޮށްފައި--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ ހޯމަ ދުވަހު އުމުރުން 40 އަހަރު ފުރުނު ބޮލީވުޑްގެ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯންގެ އުފަންދުވަހު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ޓެކްނީޝަނުންނަށް ވަރަށް ޚާއްސަ ހަދިޔާއެއް ދީފިއެވެ.

ދީޕިކާގެ އުފަންދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބަތަލާ ވަނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ޓެކްނީޝަނުންނަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެއް ލޯންޗުކޮށްފައެވެ.

ޓެކްނިކަލް ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަށް ކަންކަން އުނގެނި ދަސްކުރުމުގެ ފުރުސަތު ފަހިކުރުމުގެ ބޭނުމުގައި ދީޕިކާ ލޯންޗުކުރި މި ޕްރޮގްރާމްގެ ނަމަކީ "އޮން ސެޓް"އެވެ.

ބަތަލާ ދީޕިކާ ޕަދުކޯން އެކްޓަރު ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ

ބަތަލާ މިހާރު މަސައްކަތް ކުރަމުން އަންނަ އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ކިންގް"ގެ ސެޓުގައި މި ޕްރޮޖެކްޓް ލޯންޗު ކުރަމުން ދީޕިކާ ބުނެފައިވަނީ، "އޮން ސެޓް"އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަދި ޓެލެވިޒަން އިންޑަސްޓްރީގައި މަސައްކަތްކުރާ ޓެކްނީޝަނުންނަށް އެ މީހުންގެ ކުރިމަގު ބިނާކުރުމަށް އެހީތެރިވެދޭނެ ވަރަށް މުހިއްމު ޕްރޮގްރާމެއް ކަމަށެވެ.

ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ ބުރަ މަސައްކަތާއި އެ މީހުންނަށް ލިބިފައިވާ ހުނަރު އާއްމުންނަށް ފެންނާނެ ޕްލެޓްފޯމެއް ބިނާކުރުމަކީ ބަތަލާގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ވަނީ ބުނެފައެވެ.

ދީޕިކާގެ 'ޕެޝަން ޕްރޮޖެކްޓް'ގެ ގޮތުގައި ބަތަލާ ސިފަކުރާ "އޮން ސެޓް" ޕްރޮގްރާމްގެ ދަށުން އިޝްތިހާރުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވެސް މުހިންމު ތަމުރީނުތަކެއް ދެވޭނެ ކަމަށާއި މިއީ ޓެކްނިކަލް ދާއިރާއަށް ޝައުގުހުރި މީހުންނަށް ވެސް ބައިވެރިވެވޭނެ ޕްރޮގްރާމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޚާއްސަ ވެބްސައިޓެއް ވެސް ތައާރަފުކޮށްފައިވާއިރު އެ ވެބްސައިޓު މެދުވެރިކޮށް ޝައުގުހުރި ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންވާ ދާއިރާއަކުން ކުރިއަށްދިއުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާ ކަމަށް ދީޕިކާގެ އިންސްޓަގްރާމް މެސެޖުގައި ވަނީ ބުނެފައެވެ.

މިއީ އިންޑީއާގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފުންނަށާއި އެ ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުހުރި ފަރާތްތަކަށް ހުޅުވާލައިގެން ފިލްމީ ތަރިއަކު މިގޮތަށް މަސައްކަތްކުރާ ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ޚާއްސަކޮށް ބަތަލާއަކު އަމިއްލައަށް އިސްނަގައިގެން ޓެކްނިކަލް ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާތީ ވަރަށް ގިނަ ބަޔަކު ވަނީ ދީޕިކާއަށް ތައުރީފުކޮށްފައެވެ. ދީޕިކާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރު ތެރޭ ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ ޝާހްރުކް ޚާންގެ ފިލްމު "ކިންގް"އިންނެވެ.

comment ކޮމެންޓް