މާލޭގައި ކޭބަލް ވަޅުލާ ފަރާތްތަކުން މަގުތައް އެއްވަރުކުރަން މޭޔަރު އާޒިމްގެ އިލްތިމާސެއް

މާލޭގައި ކޭބަލް ވަޅުލާ ފަރާތްތަކުން މަގުތައް އެއްވަރު ކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު އިލްތިމާސްކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައިކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މާލޭގައި ކޭބަލް ވަޅުލާ ފަރާތްތަކުން ކޭބަލް ވަޅުލުމަށްފަހު މަގުތައް އެއްވަރު ނުކުރާ ކަމަށާއި ގާ އެތުރުމުގައި ފަރުވާ ކުޑަކުރާ ކަމަށެވެ.

އެގޮތަށް ހުންނަ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކެއް ވަމުން އަންނަ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

އެހެންވެ، އެ ކަން ހައްލު ކުރުމުގެ ގޮތުން މާލޭ މަގުތައް ކޮނުމުގައި ހަކަރާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

މަގުތައް ކޮނުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށް، މޭޔަރު އާޒިމް ވަނީ ކޭބަލް ވަޅުލުމަށް ފަހު މަގުތައް ބޭނުން ކުރާ ފަރާތްތަކަށް ދަތިނުވާ ގޮތަށް ރީތިކޮށް ގާ އަތުރައި، މަގުތައް އެއްވަރު ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަގުތައް ކޮނުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށް، ކައުންސިލަށް ފާހަގަކުރެވިފައިވާ މައްސަލަތަކާ މެދު މަޝްވަރާކޮށްފައި ވަނީ ފަރުވާ ކުޑަކޮށް މަސައްކަތްކޮށްފައިވާ ސައިޓެއްގައި ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި މޭޔަރު އާޒިމްގެ އިތުރުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީނާއި އެމްޑަބްލިއެސްސީގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މާލޭގައި މައްސަލަތައް ދިމާވެފައި ހުރި މަގުތަކުގެ ގާތައް ނަގައިގެން އެ ގާތަށް އެއްވަރުކުރުން ފަދަ ކަންކަން މާލެ ސިޓީ ކައުންސިލުން ކުރެއެވެ.

comment ކޮމެންޓް