ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތަށް އިކޮނޮމިކް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން އޮޕަރޭޝަން އިތުރަށް ފުޅާ ކުރުމަށް ނިންމައިފިއެވެ.
މިގޮތަށް މި ނިންމުން ނިންމާފައި ބިދޭސީންގެ މައްސަލަތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ވަނީ އެ ތިން މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ޓާސްކް ފޯސްގެ މަސައްކަތް ވަރަށް ބާރަށް ހިނގަމުން އައިސް މިހާރު ފާހަގަވި ބައެއް ކަންކަމުގެ އަލީގައި ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ޓާސްކްފޯހުގައި އެކުލެވޭ އިދާރާތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެ ބަދަލަކީ މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުންގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީ ވެސް މި ޓާސްކްފޯސްގެ ތެރެއަށް އިތުރުކުރުން ކަމަށެވެ.
އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ވެސް ޓާސްކް ފޯހުގައި ބައިވެރިވުން ކަމަށް މިނިސްޓަރު އިހުސާން ވަނީ ވިދާޅުވެފައެވެ.
"ޓާސްކް ފޯސްގެ ފަރާތުން އޮޕަރޭޝަންލް މަސައްކަތްތައް ކުރުމުންދާއިރުގައި، ތަނަތަނަށް ރެއިޑްކުރަމުން ދާއިރުގައި، އެ ތަނަށް ވެސް ކުރިއަށް އޮތްތާ މި އެޖެންސީތަކުން ރެއިޑްތަކުގައި ބައިވެރިވާނެ،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަދުން ފެށިގެން މި މަސައްކަތްތައް ހިނގަމުންދާއިރު ހިނގަމުންދާނީ ހުރިހާ އެޖެންސީއެއް އެއްކޮށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދަކީ މި މައްސަލައަށް ހައްލު ހޯދުމަށް ދައުލަތުގެ ވުޒާރާތައް ގުޅިގެން ފަސޭހަކަމާއި އަވަސްކަމާއެކު މަސައްކަތްކޮށްދިނުން ކަަމަށެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭ ހައްލު ކުރުމަށް މި ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.
އެ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ގަވައިދަށް ފެއްތުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.