ޑާކްރެއިންގެ 'ޕްރޮޖެކްޓް 37'ގެ ޝޫޓިން ފަށައިފި

ޕްރޮޖެކްޓް 37 ގެ ޝޫޓިންގެ ތެރެއިން --- ފޮޓޯ/ ޑާކްރެއިން އެންޓަޓެއިންމެންޓް

ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ މުޅީން އާ ޕްރޮޖެކްޓު ކަމަށްވާ "ޕްރޮޖެކްޓް 37"ގެ ޝޫޓިން ފަށައިފިއެވެ.

ތަފާތު އެކި ކަހަލަ ޕްރޮޖެކްޓުތަކުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ޑާކްރެއިންއިން ޕްރޮޖެކްޓް 37 އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. މިއީ ޕްރޮޑަކްޝަނުން ނެރޭ އެކްޝަން ތުރިލާ ފިލްމެކެވެ. ރަސްމީ ނަމެއް ފިލްމަށް ދީފައިނުވި ނަމަވެސް ފިލްމަށް ކޯޑު ނަމެއްގެ ގޮތުގައި ވަނީ ޕްރޮޖެކްޓް 37 ދީފައެވެ.

ޑާކްރެއިންއިން ދާދި ފަހުން ހާމަކޮށްފައިވަނީ ފިލްމުގެ ޝޫޓިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ފިލްމުގެ ޝޫޓިން އެންމެ ފުރަތަމަ ވެސް ފަށާފައިވަނީ ހޮސްޕިޓަލުގެ ސީނަކުންނެވެ.

މި ފިލްމު ޕްރޮޑިއުސް ކުރަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު ޑައިރެކްޓު ކުރާ މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ.

ޕްރޮޖެކްޓް 37ގެ ގިިނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވަމުން އަންނަނީ ޑާކްރެއިންއިން މި އަހަރު ނެރުނު ހިޓް ފިލްމު "ފުރޭތަ"ގެ މަސައްކަތް ވެސް ކޮށްފައިވާ ފަންނާނުންނެވެ. ޑާކްރެއިންއިން މި އަހަރު ނެރުނު ފިލްމު "ފުރޭތަ"އަކީ ވެސް އެކްޝަން ތުރިލާ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޝީލާ ނަޖީބާއި މޫސާ އަލީފް އަދި އަހުމަދު ޝާކިރު ފަދަ ތަރީންނެވެ.

ޑާކްރެއިންގެ ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތްތައް ކުރިއަށްދާއިރު މިހާރު އެންމެ ގަދައަށް ނިންމުމާ ގާތަށް ދަނީ ބިރުވެރި ކޮމެޑީ ފިލްމު "ބިބީ"ގެ މަސައްކަތެވެ. ޕްރޮޖެކްޓް 37ގައި މަސައްކަތް ކުރާ ޓީމުން ބިބީގައި ވެސް މަސައްކަތް ކުރަމުން އެބަދެއެވެ.

comment ކޮމެންޓް