ބޮޑު ކާސްޓަކާއެކު މީގެ އަހަރުތަކެއް ކުރީން މަސައްކަތް ފަށައި, ގާތްގަނޑަކަށް ނިމިފައިވާ ފިލްމު ޕްރޮޖެކްޓު "ކޮސް ގިނަ މިސްޓޭކް"ގެ މަސައްކަތް އަލުން ފަށައިފިއެވެ.
ގިނަ ދިވެހި ތަރީންނާއެކު އުފައްދާ ކޮމެޑީ ފީޗާ ފިލްމު ކޮސް ގިނަ މިސްޓޭކް އިއުލާނު ކޮށްފައިވަނީ 2018 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރުގައި ފިލްމުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށް އިއުލާނުކޮށް ނޮވެމްބަރުގައި އެޅުވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއަށްފަހު ފިލްމުގެ އިތުރު މައުލޫމާތެއް ނުލިބެއެވެ.
ފިލްމާ ގުޅޭ އިތުރު ވާހަކަތަކެއް ނުދެކެވި އޮވެ، ދާދިފަހުން ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ ފިލްމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓު ކުރަމުންދިޔަ މި ފިލްމުގެ ޕްރޮޑަކްޝަން ޓީމް މިހާރުވަނީ ބަދަލު ވެފައެވެ. އެގޮތުން މިހާރު ފިލްމު ޑައިރެކްޓް ކުރާނީ އަލީ ސީޒަން އެވެ. ފިލްމުގެ އޮރިޖިނަލް ކާސްޓަށް ވެސް ބަދަލުތަކެއް ގެނެސްފައިވާއިރު މިހާރު ފިލްމުގެ ޝޫޓިން ކުރިއަށް އެބަ ދެއެވެ.
ގާތްގަނޑަކަށް ހަ އަހަރު ވަންދެއް މަސައްކަތް ހުއްޓިފައި އޮވެ، ފިލްމުގެ މަސައްކަތް އަލުން ފެށިއިރު މި ފިލްމަށް ގެންނަނީ ކިހާ ވަރެއްގެ ބަދަލެއް ކަމެއް އަދި ނޭނގެއެވެ.
މި ފިލްމުގެ ކާސްޓުގެ ތެރޭގައި ސީޒަންގެ އިތުރުން މަރިޔަމް އައްޒައާއި އާމިނަތު ރިޝްފާއާއި އަހުމަދު ނިމާލާއި އަލީ އާޒިމް (ދޮން އައްޔަ) އާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި މަރިޔަމް ޝިފާގެ އިތުރުން ހާމިދު އަލީ ފަދަ ތަރިން ހިމެނެއެވެ.
ފިލްމުގެ ޝޫޓިންގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ މ. އަތޮޅު މުލަކުގައެވެ. އަދި ޝޫޓިންގެ މަސައްކަތުގައި ރަށުގެ އާންމުން ވެސް އަންނަނީ އެހީތެރިވަމުންނެވެ. މި ފިލްމުގެ މަސައްކަތް ނިމި ރިލީޒްކުރާނެ ދުވަހެއް އަދި ނޭނގެއެވެ.