ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ފާޠިމަތު ދިޔާނާގެ ފިރިކަލުން އާދަމް ޢަދީމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރަސްމީ 'އެކްސް' އެކައުންޓުގައިވާ ގޮތުން އެމްޕީއެލްގެ ބޯޑަށް ޢަދީމް އައްޔަންކުރި ކަމަށް އޮތީ އިއްޔެއެވެ.
މީގެ ކުރިން ކަސްޓަމްސްގައި ވެސް މަސައްކަތްކުރެއްވި ޢަދީމް ވަނީ މިދިޔަ އޭޕްރިލް މަހު އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މައްޗަންގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރައްވައިފައެވެ. ނަމަވެސް އިންތިޚާބުން އޭނާ ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އޭގެ ފަހުން ޢަދީމް ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގައި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމު ވެސް ފުރުއްވައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ލޯކަލް ކައުންސިލު އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝް ވަނީ ޕޯސްޓު އޮފީހުގެ ބޯޑަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭ އައްޔަންކޮށްފައެވެ. އެ މަގާމަށް އައްޔަންކުރުމުގެ ކުރިން ޢަރީޝް ވަނީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވައިފައެވެ.
މީގެ އިތުރުން ވެސް ކައުންސިލު އިންތިޚާބުގައި ނާކާމިޔާބުވި ޕީއެންސީގެ ބައެއް ކެންޑިޑޭޓުންނަށް ބައެއް ވުޒާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ވެސް ދީފައިވެއެވެ.