މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ ބަޖެޓުން ކުންފުނިތަކަށް 1.33 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޕީސީބީން އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ އެސްއޯއީ ރިޕޯޓުގައިވާ ގޮތުގައި، ސަރުކާރުގެ ބަޖެޓުން މިއަހަރުގެ ފުރަތަމަ ތިން މަހު ވަނީ ކުންފުނިތަކަށް 1.33 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެކަމަކު، މިދިޔަ އަހަރުގެ އެ ކުއާޓަރުގައި ކުންފުނިތަކަށް ދޫކޮށްފައި ވަނީ 1.34 ބިލިއަން ރުފިޔާއެވެ.
އެ ރިޕޯޓުގައި ހުރި ހިސާބުތައް ދައްކާގޮތުގައި، ކުންފުނިތަކަށް އެންމެ ގިނައިން ފައިސާ ދޫކުރަން ޖެހުނީ ސަބްސިޑީގެ ގޮތުގައެވެ. ސަބްސިޑީގެ އިތުރުން ދެން އެންމެ ގިނައިން ސަރުކާރުގެ ބަޖެޓުން ފައިސާ ދޫކޮށްފައި ވަނީ ކެޕިޓަލްއަށާއި ގްރާންޓުގެ ގޮތުގައެވެ.
އެގޮތުން، ސަބްސިޑީއަށް 1.2 ބިލިއަން ދޫކޮށްފައިވާއިރު، ކެޕިޓަލްއަށް ދޫކޮށްފައި ވަނީ 164.9 މިލިއަން ރުފިޔާއެވެ. އަދި، އެހީއަށް 60 މިލިއަން ރުފިޔާ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ.
މީގެއިތުރުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބަޖެޓުން އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށެވެ. އެ ކުންފުންޏަށް ޖުމްލަ 484.4 މިލިއަން ދޫކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ.
އިތުރަށް ބަޖެޓުން ފައިސާ ދޫކޮށްފައިވާ ކުންފުނިތަކާއި ފައިސާގެ އަދަދުތައް:
- އެސްޓީއޯ: 359.33 މިލިއަން ރުފިޔާ
- ފެނަކަ: 249.9 މިލިއަން ރުފިޔާ
- އެމްއެމްޕީއާރުސީ: 38.55 މިލިއަން ރުފިޔާ
- އެސްޑީއެފްސީ: 30 މިލިއަން ރުފިޔާ
- ފަންޑް މެނޭޖްމަންޑް ކޯޕަރޭޝަން: 28.13 މިލިއަން ރުފިޔާ
- ރީޖަނަލް އެއާޕޯޓްސް: 24.90 މިލިއަން ރުފިޔާ
- އައްޑޫ އެއާޕޯޓް: 22.67 މިލިއަން ރުފިޔާ
- ޕީއެސްއެމް: 21.9 މިލިއަން ރުފިޔާ
- ވެމްކޯ: 17.2 މިލިއަން ރުފިޔާ
އެއާއެކު، ޕޯސްޓް އޮފީހާއި ބީސީސީއާއި ޓްރޭޑްނެޓް އަދި ފަހި ދިރިއުޅުން ކުންފުނީގެ ހިންގުމަށް 19.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.