އަލީގެ މައްސަލަ ކުރިއަށް ނުގެންދިޔައީ އަނިޔާ ލިބުނު މީހުންނަށް ތަކުލީފެއް ނުޖައްސަން: ޕީޖީ

އަލީ ވަހީދު: އޭނާއަށް ކުރި ދައުވާ ކުރިއަށް ނުގެންދަން ނިންމީ އިމޯޝަނަލް އިންޓެލިޖެންސަށް ވިސްނާފައި ކަމަށް ޕީޖީ ޝަމީމް ވިދާޅުވި -- ސަން ފޮޓޯ

ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގައި މިދިޔަ ސަރުކާރުގެ ފުރަތަމަ ދުވަސްވަރު ހުންނެވި އަލީ ވަހީދަށް ތުހުމަތުކުރެވޭ ޖިންސީ މައްސަލަތައް އިތުރަށް ކުރިއަށް ނުގެންދަން ނިންމީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ އަނިޔާ ލިބުނު މީހުން ތަކުރާރުކޮށް ސިޓީ ފޮނުވުމުން ކަމަށާއި އެއީ އެ މީހުންނަށް އިތުރު ބުރައެއް ނުޖައްސަން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީކަމުން ޝަމީމް ވަކިކުރަން އެދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަނީ ސިޓީއެއް ފޮނުއްވައިފައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަންނަނީ އެ މައްސަލަ ދިރާސާކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ޝަމީމް މިއަދު އެ ކޮމިޓީއަށް ހާޒިރުކުރިއެވެ. އެކަމަކު، ޝަމީމް ކޮމިޓީ ލައިވްކުރަން އެދިވަޑައިގެން ނަމަވެސް މަޖިލީހުން ނިންމީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދާށެވެ. އެ ގޮތަށް ހުށަހެޅީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ޕީޖީކަމުން ޝަމީމް ވަކިކުރަން ޝާހިދު ހުށަހެޅުއްވި މައްސަލައިގައި މައިގަނޑު އަށް ކަމެއް ފާހަގަކުރެއްވިއިރު އަލީ ވަހީދުގެ މައްސަލަ ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމި ނިންމުމަށް ވަނީ ފާޑުވިދާޅުވެފައެވެ.

ޕީޖީ ޝަމީމް: އޭނާ ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އަންނަނީ ކުރިއަށް ގެންދަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، އަލީ ވަހީދުގެ މައްސަލައިގައި އަނިޔާ ލިބުނު މީހުން, އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އެދި ތަކުރާރުކޮށް ސިޓީ ނުފޮނުވި ނަމަ އެ މައްސަލަ ކުރިއަށް ނުގެންދަން ނުނިންމީސް ކަމަށެވެ.

އޭނާ ވިދާޅުވީ، ހެކިންނާއި އަނިޔާ ލިބުނު މީހުން ތަކުރާރުކޮށް މައްސަލަ ކުރިއަށް ނުގެންދަން އެދުމުން އެ މީހުންނާ ބައްދަލުކޮށް، އެ ހެކިންގެ މުހިންމުކަން ފާހަގަކުރައްވައި އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާކަން ތަކުރާރުކޮށް ފާހަގަކުރެއްވި ކަމަށެވެ.

"މި މައްސަލަ ކުރިއަށް ގެންދެވޭތޯ އަޅުގަނޑު ކުރި މަސައްކަތް އެއޮތީ ފެންނަން. އެނގެން. ފެންނާނީ ބެލީމައި. އެހީމާ. ތަންތަނުގައި ލިޔެފައި ހުންނަ ޚަބަރު ކިއީމާ،" ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހެކިބަސް ދޭން ހެކިންނަށް މަޖުބޫރުކުރެވޭނެ ހާލަތްތަކެއް ވެސް އެބަހުރި ކަމަށާއި އެކަމަކު ހެކީގެ ގޮތުގައި ހުށަހެޅި އަނިޔާ ލިބުނު މީހުންނާއި ނާޒުކު ހާލަތެއްގައި ތިބި އެހެނިހެން ހެކިން ބަންދުކޮށްގެން ވިޔަސް ނުވަތަ އެހެން ގޮތަކުން ވެސް ލާޒިމުކޮށްގެން ހެކިބަސް ނެގުން އެއީ އެންމެ ރަނގަޅު ގޮތްތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

https://sun.mv/195799

"ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުންނަށް ދައުލަތުގެ އިދާރާތަކުންނާއި ޝަރުޢީ ކޯޓުތަކުން ގަދަ މަޖުބޫރުން ހެކިބަސް ހޯދަން އުޅޭކަމުގެ އިޙުސާސު އެ މީހުންނަށް ވިޔަދިނުމަކީ އެންމެ ރަނގަޅު ގޮތްތޯ؟ ވޭނީ ހަނދާންތަކާއި، އިޙުސާސުތަކެއް ތަޙައްމަލުކުރަމުންދާ، ޖިންސީ އަނިޔާ ލިބުނު ބަޔަކަށް، އެ މީހުންގެ ނުރުހުމުގައި ކަމެއްކުރުމަށް މަޖުބޫރުކުރުވައި، އިތުރު ތަކުލީފުތަކާއި ބުރަޖެއްސުމަކީ އަޅުގަނޑުމެން ޤަބޫލުކުރާ އިންސާފުތޯ،" އޭނާ ވިދާޅުވިއެވެ.

"ޤާނޫނުގައި އެ އިޚްތިޔާރު އޮތީތީ، އެހެން އެއްވެސް ކަމަކަށް ނުބަލައި، އިޚުތިޔާރު ބޭނުންކުރުމަކީ ޤާނޫނު ދަންނަ މީހުން ކުރާނެ ކަމެއް ނޫން،"

އަލީ ވަހީދުގެ މައްޗަށް ރޭޕްކުރަން އުޅުމާއި، ޖިންސީ އަނިޔާކުރުމާއި، ޖިންސީ ގޯނާކުރުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި، ހުއްދަނޫން ޖިންސީ މުއާމަލާތް ހިންގުމުގެ ކުށުގެ ދައުވާ އުފުލީ ނޮވެމްބަރު 18، 2020 ގައެވެ.

އެކަމަކު، މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީއެވެ. އެއަށް ފަހު އޭނާ ކޯޓަށް ހާޒިރުނުކުރެވިގެން ސެޕްޓެމްބަރު 22، 2022 ގައި ޝަރީއަތުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ. އެ މައްސަލައިގައި އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލް ނޯޓިސް ވެސް ނެރުނެވެ.

އެހެންވެ، އެ މައްސަލައިގައި ހިމެނޭ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ ޖޫން 6، 2023 ގައި ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

comment ކޮމެންޓް