އޯއައިސީގެ އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރަކަށް ވަޒީރު ޝަހީމް

އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފި--- ފޮޓޯ/ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކުރައްވައިފިއެވެ.

މިކަމާ ގުޅުވާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ފިގުހު އެކަޑަމީގެ މެންބަރަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އައްޔަން ކޮށްފައި ވާކަމަށާ ވަޒީރު އެމަޤާމަށް އައްޔަންކޮށްފައި ވަނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވި އެ އެކަޑަމީގެ އިދާރީ ބައްދަލުވުމުގައެވެ.

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ކަމާއި އެޖަމިއްޔާގެ "ވޮއިސް އޮފް ވިސްޑޮމް ސެންޓާ"ގެ ވެރިޔާގެ މަގާމުވެސް ޝަހީމް ވަނީ މީގެކުރިން އަދާކުރައްވާފައެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި ހިމެނޭ ވަޒީރު ޝަހީމް ވަނީ މަދީނާ ޔުނިވަސިޓީން ކިޔަވާ ވިދާޅުވެ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މުޝްރިފް މުސާއިދުކަމާއި، ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީއާގެ ފައުންޑިން ޑީންކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެ ޔުނިވާސިޓީގެ ޗާންސެލަރުކަމުގެ މަގާމުވެސް ޝަހީމް ވަނީ އަދާކުރައްވާފައެވެ.

comment ކޮމެންޓް