އެމްއައިބީން ކުޑަގިރީގައި 1000 ގަސް އިންދަނީ

ކުޑަގިރީގައި 1000 ގަސް އިންދުމަށް އެމްއައިބީއިން ކްލީން މޯލްޑިވްސް އާޢެކު އެއްބަސްވުމުގައި ސޮއިކުރުން--- ފޮޓޯ/ އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ން ކުޑަގިރީގައި 1000 ގަސް އިންދުމަށް ކްލީން މޯލްޑިވްސް ޖަމިއްޔާއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.

މިއަދު އެބޭންކުގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދުރީސް ޚުމްރީއެވެ. ކްލީން މޯލްޑިވްސް ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ ހަފްސަތު އަލީމެވެ.

އެމްއައިބީއިން ބުނީ މި އެއްބަސްވުމުގެ ދަށުން 1000 ގަސް އިންދުމަށް ހަމަޖެހިފައި ވަނީ މާލެ ސަރަހައްދުގެ ރައްޔިތުން އާއްމުކޮށް ދަތުރު ދިޔުމަށް ބޭނުންކުރާ ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކަމަށެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ގަސް އިންދުމުގެ އިތުރުން ގަސް އިންދުމަށް އެކި ރައްރަށުގެ ރައްޔިތުން އަހުލުވެރި ކުރުވުމާއެކު، ރަށް ރަށުގައި ގަސްއިންދުމުގެ ޕްރޮގްރާމުތަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްއައިބީއިން ވަނީ ބުނެފައެވެ.

އެމްއައިބީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިން ޚިދުމަތް ދެމުންނެވެ. މީގެ އިތުރުން އެބޭންކުގެ ހުރިހާ ޚިދުމަތަކަށް އޮންލައިންކޮށް ފޯރުކޮށްދޭއިރު ބޭންކަށް ނުގޮސް ވިޔަފާރި އެކައުންޓު ހުޅުވުމުގެ ޚިދުމަތްވެސް އެބޭންކުން މިހާރު އަންނަނީ ދެމުންނެވެ.

comment ކޮމެންޓް