މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ކުޑަކުދިންނަށް ޚާއްސަ އެކައުންޓު ކަމަށްވާ "ބިންގާ އެކައުންޓް" ކަސްޓަމަރުންނަށް ޚާއްސަކޮއްގެން މާހެފުމެއް ބާއްވަން އެ ބޭންކުން ނިންމައިފިއެވެ.
އެމްއައިބީން ބުނީ، މި މަހުގެ 21ވަނަ ދުވަހު މި މާހެފުން އޮންނާނީ މާލެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަވީރު 4:00އިން 6:00އަށް އަދި 8:00އިން 10އަށް ކަމަށެވެ.
މި މާހެފުމުގައި އެކައުންޓު ގެންގުޅޭ ކަސްޓަމަރުން ނޫނަސް ހުރިހާ ކުޑަކުދިންނަށް ބައިވެރިވެވޭއިރު، މި މާހެފުމުގެ ހަރަކާތުގައި ޚާއްސަ އިތުރު ހަރަކާތްތައް ވަނީ ހިމެނިފައެވެ. އެގޮތުން، ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ ހާއްސަ "އާސްކް ޑރ. ޒެކް" އިވެންޓުގައި ކުދިންނަށް ދީނީ އެކި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.
އެއެމްއައީބީގެ "ބިންގާ" އެކައުންޓަކީ އެބޭންކުން ކުޑަ ކުދިންނަށް ފަހަށް ރައްކާކުރުމަށް އިޖާދީ ބަދަލެއް ގެނެސް ތައާރަފުކުރި އެކައުންޓެކެވެ. މި އެކައުންޓުގައި ކޮންމެ ކުއްޖަކަށް ވެސް ތިން އެކައުންޓު ލިބޭއިރު، އެއީ ބިންގާ ޓްރާންސެކްޝަން އެކައުންޓަކާއި ބިންގާ ސޭވިން އެކައުންޓަކާއި ބިންގާ އިންވެސްޓް އެކައުންޓެކެވެ.
"ބިންގާ ޓްރާންސެކްޝަން" އެކައުންޓަކީ ކުދިންނަކީ މާލީ ގޮތުން ޒިންމާދާރު ޒަމާނީ ވަސީލަތްތަށް ބޭނުންކުރުމަށް އާދަވެފައިވާ ކުދިބަޔަކަށް ހަދައިދޭނެ އެކައުންޓެކެވެ. މި އެކައުންޓުން ކުދިންނަށް ހަތް އަހަރު ފުރުމުން ކޭޝް ކާޑަކާއި އިންޓަނެޓް ބޭންކިންއަށް އެކްސެސް ލިބޭނެ ކަމަށް އެމްއައިބީން ބުނެއެވެ.
ބިންގާ ސޭވިން އެކައުންޓަކީ ކުދިން ފަހަށް ފައިސާ ރައްކާކުރުމުގެ އާދަ އަށަގަންނަވަން ވަރަށް އެކަށޭނަ އެކައުންޓެއް ކަމަށްވާއިރު، މި އެކައުންޓަކީ ކުރުމުއްދަތަކަށް ފައިސާ ރައްކާކުރުމަށް ޚާއްސަ އެކައުންޓެކެވެ. އެގޮތުން ކުއްޖާއަށް 18 އަހަރު ފުރުމުން އިތުރަށް ކިޔެވުމަށް ނުވަތަ އެޕާޓްމަންޓެއްގެ ޑައުން ޕޭމަންޓް ދެއްކުންފަދަ ކަންކަމަށް ފައިސާ ރައްކާކުރުމަށް މި އެކައުންޓް ބޭނުންކުރެވިދާނެއެވެ.
މި އީޖާދީ ބަދަލާއިއެކު ކުދިން މާލީ ގޮތުން ޒިންމާދާރު ބަޔަކަށް ހެދުމަށް އިތުރު ބާރަކަށް ވާނެ ކަމަށް އެމްއައިބީން ބުނެއެވެ.