ލޭނު މަސްވެރިކަމަށް 100 ޕަސެންޓު ދިވެހިންނާއެކު ނުކުންނަ އުޅަނދެއް ނަމަ ކޯޓާ ފީ ދައްކަން ނުޖެހޭނެ ކަމަށް ފިޝަރީސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރުމަށް މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްތޮލިބް ވިދާޅުވީ، ލޭނު މަސްވެރިކަމަކީ ވަރަށް ބޮޑަށް ދިވެހިންނަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ މަސްވެރިކަމެއް ކަމަށެވެ.
އެގޮތުން، 100 ޕަސެންޓު ދިވެހިންނާ އެއްކު އެ މަސައްކަތަށް ނުކުންނަ އުޅަނދުތަކުން ނަގާނީ ހަމައެކަނި ލައިސަންސް ފީއެއް ކަމަށާއި އެ ފީން ވެސް 50 ޕަސެންޓު ކަނޑާލުމަށް ރަވާފައިވާ ކަމަށް މުއްތޮލިބް ވިދާޅުވިއެވެ.
"އެހެންވީމަ ކޯޓާއަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ 100 ޕަސެންޓު ދިވެހި ކުރޫއިންނާ އެއްކޮށް އަންނަ އުޅަނދުތަކަށް. 80 ޕަސެންޓު ދިވެހިންނާ އެއްކޮށް އަންނަ ނަމަ ކޯޓާގެ 50 ޕަސެންޓު އެބަ މައާފްކޮށްދެން،" އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ބޮޑު ކަންނެލީގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން މޮޑިފައި ކުރުމަށް ބޭނުންވާ އުޅަނދުތަކަށް ވަރަށް އަވަހަށް ލޯނެއް ތައާރަފްކުރައްވާނެ ކަމަށް މުއްތޮލިބް ވިދާޅުވިއެވެ.
ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރަނީ ބޮޑު ކަންނެލި މަސްވެރިންނަށް ދަތިވާގޮތަށް ނޫން ކަމަށާއި މި ވަގުތު ބޮޑު ކަންނެލި ބޭނުމަށް ހުރަސްތަކެއް ހުރި ކަން މުއްތޮލިބް ވަނީ ފާހަގަކުރައްވަފައެވެ.
އިތުރަށް އޭނާ ވިދާޅުވީ، ރާއްޖޭގެ މަސްވެެރިކަން ޑައިވާސިފައިވަމުން އަންނައިރު، ބޭނޭ ބޮޑެތި ކަންނެލި ސައިޒުން ކުޑަ ކަމަށެވެ. އެގޮތުން، މިހާރު އަބަދުވެސް ލިބެނީ 30 ކިލޯއަށް ވުރެ ދަށުގެ ކަންނެލިކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންވެ، ބޮޑު ކަންނެލި މަސްވެރިކަން ކުރާ އުޅަނދުތައް މޮޑިފައިކޮށްގެން ލޭނު މަސްވެރިކަމަށް ވަނުމުން މަސްވެރިކަމުގައި ދެމިތިބުމުގެ ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ލޭނު މަސްވެރިކަމުގެ މި ގަވާއިދަކީ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު"ގެ ތިން ވަނަ މާއްދާގެ ދަށުން ފިޝަރީސް މިނިސްޓްރީއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގައި ވާގޮތުން ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދެވޭނީ، ހަމައެކަނިި ރީނދޫ އުރަހަ ކަންނެއްޔާއި ލޯބޮޑު ކަންނެލި ބޭނުމަށެވެ. އަދި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމުގައި މަރުވާ މިޔަރުތައް ޕްރޮސެސްކޮށް ރާއްޖޭން ބޭރުކުރުމުގެ ހުއްދަ ލިބޭ ލައިސެންސެއް ދޫކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.