ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކާސްޓުންނާ އެކު އުފައްދާފައިވާ ޝޯ "ޔާރާ"ގެ ހަތަރުވަނަ ސީޒަން ދައްކަން ފަށަން ތައްޔާުރުވެއްޖެއެވެ.
ބައިސްކޯފުން ގެނެސްދޭ މި ރޮމޭންޓިކް ކޮމެޑީ ސީރީޒް "ޔާރާ"ގެ ތިންވަނަ ސީޒަން ދައްކާ ނިންމާލާފައިވަނީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުގައެވެ.
ސީޒަން ތިނެއް ނިމިގެން ދިޔައީ ލޯބީގެ އެކި ވާހަކަތައް ކިޔައިދިނުމަށް ފަހުގައެވެ. އޭގެ އިތުރުން ވެސް އެ ސީޒަންގައި ބޮޑު ސަމާލުކަމެއް ކެރެކްޓަރުންގެ އަމިއްލަ ނަފުސު ހޯދުމާއި އެކަމުގެ މުހިއްމު ކަމަށް އަލިއަޅުވާލާފައިވެއެވެ.
އެއަށް ފަހު އާ ސީޒަންގައި ބޮޑަށް އަލިއަޅުވާލާނީ ކެރެކްޓަރުންގެ އަމިއްލަ ކުރިއެރުމާ ގުޅޭގޮތަށް ކަމަށް ބެލެވެއެވެ.
އާރު2ޒީ ޕްރޮޑަކްޝަނުން ގެނެސްދޭ މި ޝޯގެ އާ ސީޒަން ދައްކަން ފަށާނީ މާދަމާ ރޭ ބައިސްކޯފުންނެވެ. އެއަށް ފަހު ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ޝޯގެ އާ އެޕިސޯޑެއް ގެނެސްދޭއެވެ. މި ސީޒަނުގައި ހިމެނޭ އެޕިސޯޑްތަކުގެ އަދަދެއް ސާފެއް ނުވެއެވެ. ނަމަވެސް، ކުރީގެ ސީޒަން ތަކަށް ބަލާނަމަ މި ސިޒަންގައި 12 އެޕިސޯޑާއި 14 އެޕިސޯޑާ ދެމެދަށް އެޕިސޯޑްތައްް ހިމެނޭނެއެވެ.
ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓްކޮށް ލީޑުން ފެނިގެންދާ މި ޝޯގެ ފުރަތަމަ ސީޒަން ދައްކަން ފަށާފައިވަނީ 2022 ވަނަ އަހަރެވެ. އެއަށް ފަހު ދެވަނަ ސީޒަން ދައްކަން ފެށީ މިދިޔަ އަހަރު ފަހުކޮޅުގައެވެ.
މި ޝޯގެ ތިން ސީޒަނުގައި ގާތްގަނޑަކަށް 90 އެއްހާ ތަރީން ވަނީ ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި ލީޑް ކާސްޓުންގެ ގޮތުގައި 26 ތަރީން ހިމެނެއެވެ. ހަތަރުވަނަ ސީޒަނުން ވެސް ގިނަ އަދަދަކަށް ތަރިން ފެނިގެން ދާނެއެވެ.
"ޔާރާ" ފިލްމުގެ މަސައްކަތުގެ ފަހަތުގައި އޮތީ ބައިސްކޯފުން މީގެ ކުރިން ގެނެސްދިން ވެބް ސީރީޒް "އެހެނަސް"ގެ ޓީމެވެ. "އެހެނަސް" ލިޔުނު އަހްމަދު އިގްބާލް (އައިކިއު) ލިޔުނު މި ސީރީޒް ޑައިރެކްޓުކުރީ އޭނާއާ އެކު ރިޝްމީއާއި ރަވީ ފަރޫގެވެ.