އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެންބަރު ޑރ. އަލީ އަބްދުލް ލަތީފަށް މަނީ ލޯންޑާކުރި ކަމަށާއި ޓެކުހަށް މަކަރު ހެދިކަމަށް ވެސް ތުހުމަތުކޮށްފިއެވެ.
މިކަމާ ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ، ތަހުގީގުން ހޯދި ހޯދުންތަކުން ޑރ. އަލީ ލަތީފާއި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސްއިން މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ވަކި މައްސަލައެއްގެ ގޮތުގައި ޑރ. އަލީ ލަތީފާއި އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅައިފައި ވާކަމަށެވެ.
މީގެ އިތުރުން ޑރ. އަލީ ލަތީފް މީރާއަށް ހުށަހަޅައިފައިވާ ޓެކުހާ ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރު ހަދައި އޮޅުވާލާފައިވާކަމަށް ތަހުގީގުން ހޯދައިފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް މީރާއަށް ވެސް ފޮނުވައިފައިވާ ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.
ކޮވިޑް-19ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި ރީއެޖެންޓްސް ހޯދުމުގައި، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް ނާޖާއިޒު މަންފާ ހޯދައި ދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައި އައިޖީއެމްއެޗްގެ ކުރީގެ ތިން ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ މިއަދު އޭޖީއަށް ހުށަހަޅާފައެވެ.
އޭގެ ތެރޭގައި ޑރ. އަލީ ލަތީފްގެ އިތުރުން ހިމެނެނީ އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމްގެ އިތުރުން އެ ހޮސްޕިޓަލުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލް މުހްސިނެވެ.
އޭސީސީން ބުނީ އެ މައްސަލަތަކުގައި ޑރ. އަލީ ލަތީފާއި ޑރ. މިލްޒާއާ ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަދި އެ ދެ ފަރާތާމެދު ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ވާނަމަ އެ ފިޔަވަޅެއް އެޅުމަށް ފަހު އެކަން ކޮމިޝަނަށް ހިއްސާކުރުމަށް އަންގައިފައިވާ ކަމަށެވެ.
ކޮވިޑް-19ގެ ދުވަސްވަރު ސިއްހީ ޚިދުމަތްތައް ކޮރަޕްޝަނުގެ ކުށްތައް ހިންގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް މީގެ ކުރިން ވެސް ބަލައިފައިވެއެވެ. އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހާލުދެރަވި މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ލިބިފައިނުވާ މައްސަލަ ބަލައިފައިވެއެވެ.
އެގްޒެކިއުޓާސް ކުންފުނިން 75 ވެންޓިލޭޓަރު ވިއްކަން އެއްބަސްވެފައި ވީނަމަވެސް ފޯރުކޮށްދީފައި ވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ޚަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލައި 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ.
އެ މައްސަލައިގައި ދައުވާކުރަން އޭސީސީން އެކި ފަހަރު މަތިން ޕީޖީއަށް ފޮނުވި ނަމަވެސް ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާއިރު، އެގޮތަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ވެންޓިލޭޓަރު މައްސަލައިގައި ދައުވާނުކުރަން ނިންމުން ހިމަނައިފައިވެއެވެ.