ތިނަދޫ ކައުންސިލް މައްސަލަ: ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭން އެލްޖީއޭއިން ގޮވާލައިފި

އެލްޖީއޭގެ ސީއީއޯ ނިމާލް: ތިނަދޫ ކައުންސިލް މައްސަލައިގައި ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭން އެލްޖީއޭއިން ވަނީ ގޮވާލައިފައި -- ފޮޓޯ/ ރައީސް އޮފީސް

ކައުންސިލްތަކުން ތަހުގީގު އިދާރާތަކައް ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި އެ ފަރާތްތަކުގެ ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ކައުންސިލަކުން ހުރަސްނޭޅުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ގޮވައިލައިފިއެވެ.

އެލްޖީއޭއީން އެހެން ބުނެފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު، ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް އެ ކޮމިޝަނުން ވަނުމުން، އެއީ ވައްކަން ކުރުމުގެ ގޮތުގައި އެ ކައުންސިލުން ސިފަކޮށްފައި ވަނިކޮށެވެ.

އެލްޖީއޭއިން ނެރުނު ބަޔާނެއްގައިވަނީ، ކައުންސިލުތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދަނީ ގާނޫނުއަސާސީއާއި ލާމަރުކަޒީ އެހެން ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ. ނަމަވެސް ތަހުގީގީ އިދާރާތަކަށް ބައެއް ކައުންސިލްތަކުން އެއްބާރުލުން ލިބެމުން ނުދާކަމުގެ ޝަކުވާ އެ އޮތީރިޓީއަށް ލިބެމުން ދާކަމަށާއި އެއީ ވަރަށް ކަންބޮޑުވާކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެހެންކަމުން ތަހުގީގީ އިދާރާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް އެހީތެރިވުމަށާއި މައްސަލަތަކާ ގުޅިގެން އެ ދާއިރާތަކުން ކައުންސިލްތަކަށް އަންގާ އެންގުންތަކާއި އެއްގޮތަށް އަމަލުކުރުމަށް އެލްޖީއޭއިން ވަނީ އެދިފައެވެ.

އެ މައްސަލައިގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ، މިނިވަން މުއައްސަސާތަކުން ބަލާ މައްސަލަތަކުގައި ކައުންސިލްތަކުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.

https://sun.mv/201900

ތިނަދޫ ކައުންސިލުން އޭސީސީއަށް ކުރި ވައްކަމުގެ ތުހުމަތު އޭސީސީންނާއި ފުލުހުން ވެސް ދޮގުކޮށްފައިވާއިރު، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، އޭސީސީން ބަލަމުންދާ މައްސަލަތަކުގައި އެއްބާރުލުން ދެމުން ދަނިކޮށް، އޭނާ ރަށުގައި ނެތް ވަގުތެއްގައި މައުލޫމާތު ސާފުކުރަން އޭސީސީގެ ނަމުގައި ތިން މީހަކު ވަދެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މީހުން ބޭނުންވާ މާއުލޫމާތު އަނެއް ދުވަހުގެ މެންދުރު 2:30ގައި ހިއްސާކުރާނެ ކަމަށް އޭސީސީއަށް ލިޔުމުން އަންގާފައިވަނިކޮށް، ރަސްމީ ގަޑީގައި އޮފީހަށް ތިން މީހަކު ވަތް ކަމަށެވެ.

އަދި އޮފީހުގައި މުވައްޒަފުން ނެތް ވަގުތު ބަލައި، ލިޔެކިޔުންތައް ނަގައިގެން ފިލީ ކަމަށާއި އެއީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ފޮނުވައިގެން އޭސީސީގެ ނަމުގައި އައި ބަޔެއް ކަމަށް މޭޔަރު ތުހުމަތުކުރެއްވިއެވެ.

comment ކޮމެންޓް