ދިރާގާއި ދިވެހި ރެޑް ކްރެސެންޓްގެ ޕާޓްނާޝިޕް އައުކޮށްފި

ދިރާގާއި ދިވެހި ރެޑް ކްރެސެންޓުގެ ޕާޓްނާޝިޕް އާކުރުން --

ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށް ޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެ ޖަމާއަތުން ތައާރަފުކޮށްފައިވާ 'ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް'ގެ ޕާޓްނާޝިޕް ދިރާގުން އަންނަ އަހަރަށް އައުކޮށްފިއެވެ.

އެ ޕާޓްނާޝިޕްގެ ދަށުން ދިވެހި ރެޑް ކްރެސެންޓުން ދޭ ޚިދުމަތްތަކުގައި އެހީތެރިވުމަށް ވެސް ދިރާގުން ވަނީ ނިންމައިފައެވެ. ދިރާގުން ވަނީ މީގެ ކުރިން ދިވެހި ރެޑް ކްރެސެންޓްގެ ކޯޕަރޭޓް މެންބަރެއްގެ ގޮތުގައި 2018އިން 2022 ވަނަ އަހަރާ ހަމައަށް ހަރަކާތްތެރިވެ، އެ ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގުން ބުނީ، ދިވެހި ރެޑް ކްރެސެންޓްގެ 'ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް'ގައި ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވުމުގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާންމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދެވޭނެ ކަމަށެވެ.

އެ މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި ނަފުސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން އަރައިގަތުމަށް ކުރަން ޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން މި އެހީގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓުގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްގީ ކުރުމަށް ވެސް މަގުފަހިވާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ ދުނިޔޭގެ ހިއުމެނިޓޭރިއަން ދުވަސް ފާހަގަކުރަމުން ދާއިރު، މި ޕާޓްނާޝިޕް އައުކޮށް ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަދި މި ފުރުސަތުގައި ދިވެހި ރެޑް ކްރެސެންޓުގެ ޓީމާއި ދަރުމަވެރިން އިންސާނިއްޔަތަށް ޓަކައި ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، މި މަސައްކަތުގައި ދިރާގުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް ޔަގީންކުރަން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރެޑް ކްރެސެންޓުން ވަނީ އެ ޖަމާއަތުގެ ޚިދުމަތްތައް ދިނުމުގައި އާއި މަސައްކަތް ފުޅާ ކުރުމުގައި ދިރާގުން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކޮށްފައެވެ. އަދި އެ އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހިވުމުގެ އިތުރުން ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެެދު ގާއިމުކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބޭ ކަމަށް އެ ޖަމާއަތުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް