ބުޅާމަހުގެ ކާތަކެތި ވިއްކުމުގެ ތުހުމަތާއެކު ނުރުހުމާއި ކަންބޮޑުވުންތައް އޮއްސާލައިފި

ބުޅާ މަސް އަޅައިގެން ކާއެއްޗެހި ހަދައި، ވިއްކި ކަމަށް ތުހުމަތުކުރެވޭ ބިދޭސީ މީހާ ----

ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކޮށް، އެ ތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުވާ ބިދޭސީއެއްގެ މައްސަލަ ފެންމަތިވުމާއެކު، އާންމުން ރަތަށް އަރައި، ކަމާ ގުޅުން ހުރި އިދާރާތަކުން ޒިންމާދާރުވުމަށް ގޮވާލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައި ފީލައިން ވެލްފެއާ އޯގަނައިޒޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބަންގްލަދޭޝްގެ 32 އަހަރުގެ، އެމްޑީ އަރަފާތު ހޮސައިން ކިޔާ މީހަކު ބުޅާ މަރައި، އޭގެ މަހުން ކައްކައިފައިވާ ކާތަކެތި ވިއްކާ ކަމަށެވެ. އެ މީހާ ގަވައިދާ ޚިލާފަށް މަސައްކަތް ކުރަނީ ވަޅޯމަސް މާރުކޭޓުގައި ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

އެ މައުލޫމާތު އާންމުކުރި ފަހުން، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެ މީހާ ހޯދަން އިއުލާންކޮށްފައެވެ. އަދި ފުލުހުން ވެސް ވަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެ ޚަބަރުތަކާއެކު ސޯޝަލް މީޑިއާގައި މީހުން ވަނީ އެ މީހާ ވީހާވެސް އަވަހަށް ހޯދައި، ފިޔަވަޅު އެޅުމަށް ގޮވާލަން ފަށައިފައެވެ. ނަމަވެސް އެހާ ހިސާބުން މައްސަލަ ނުނިމޭ ކަމަށް ވެސް ބައެއް މީހުން ފާހަގަކުރިއެވެ.

އެގޮތުން އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ނުބައި އަމަލު ހިންގި ބިދޭސީ މިހާއަށް ޒިންމާ ވަނީ ކާކުތޯ ސުވާލު އުފައްދާފައެވެ. އަދި، މައްސަލައިގައި ޝާމިލްވަނީ އެ ބިދޭސީ މީހާ އެކަނި ނޫން ކަމަށާއި އެކަން ކުރުމަށް މަސައްކަތް ފަހިކޮށްދިން މީހަކަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ހުއްޓުމެއްނެތި ވައިރަލް ހުމާއި އެހެނިހެން ބަލިތަައް ފެތުރެނީ އެފަދަ މައްސަލަތަކުގެ ސަބަބުންކަން އޭނާ ފާހަގަކުރިއެވެ.

ސޯޝަލް މީޑިއާގައި އިތުރު މީހުން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ބެލުމުގައި ކަމާ ގުޅުން ހުރި އިދާރާތަކުން މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވާން ޖެހޭ ކަމަށް ބުނެއެވެ.

އެގޮތުން ކަންމަތީ ފިހާރަތަކާއި ކާބޯތަކެތި ވިއްކާ އެހެނިހެން އައުޓްލެޓުތަކުން އެތަކެތި ވިއްކަންޖެހޭނީ، ކާތަކެތި ތައްޔާރު ކުރާ ތަންތަނުގެ ސާފުތާހިރުކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކަށަވަރުކުރުމުން ކަމަށް އިތުރު މީހަކު ބުނެފައިވެއެވެ. އަދި، ކޮންމެކޮންމެ މީހަކަށް ކާބޯތަކެތި ހަދައިގެން ވިއްކަން ހުއްދަ ދީގެން ނުވާނެ ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.

ހަމައެއާއެކު، ފިހާރަތަކުގައި ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އެގޮތުން ސާފުތާހިރުކަން ކުޑަކޮށް ކައްކައި، ކާބޯތަކެތި ވިއްކާ ކަމަށް ބެލެވޭ ތަންތަން ރިޕޯޓުކުރަން ޖެހޭ ކަމަށާއި އިމިގްރޭޝަނާ އެއްގޮތަށް، ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވެސް ފިހާރަތަކަށް ގޮސް ވިއްކާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލައިފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަށީގެންވާ ބާރު އެމްއެފްޑީއޭއަށް ލިބިފައިނެތް ކަމަށް އެ އޮތޯރިޓީން ވަނީ އިއްޔެ ބުނެފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ އެމްއެފްޑީއޭއިން ބުނީ، އަންނަ ހޮނިހިރު ދުވަހު އަމަލުކުރަން ފަށާ ކާބޯތަކެތީގެ ގާނޫނުން އެ އޮތޯރިޓީއަށް އިތުރު ބާރުތައް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި، ކުރިން އެންގުމަކާ ނުލައި، ގެތަކަށް ގޮސް ކާއެއްޗެހި ތައްޔާރު ކުރުމުގެ މަރުހަލާ މޮނިޓާ ކުރުމުގެ ބާރު ވެސް ގާނޫނުގެ ދަށުން ލިބޭ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މިއަދު ފެންމަތިވެފައިވާ މައްސަލައާ ގުޅޭ ގޮތުން، އެނިމަލް ވެލްފެއާ މިނިސްޓްރީން "ސަން"އަށް ބުނީ ބުޅާ މަސް އަޅައިގެން ކެއްކި ކަމުގެ ތުހުމަތުކުރެވޭ މައްސަލަ މިއަދު ހެނދުނު އާންމު ފަރާތަކުން މިނިސްޓްރީއަށް ހުށަހެޅި ކަމަށާއި އެއާއެކު އެ މައްސަލަ ފުލުހަށް ރިޕޯޓުކުރި ކަމަށެވެ.

އެ މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓްރީން ވެސް މައްސަލަ ގާތުން ބަލަމުން އަންނަ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުންޏެވެ.

https://sun.mv/195691

މި ބިދޭސީ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައިގެން ނުވަތަ، [email protected] އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެއެވެ.

comment ކޮމެންޓް