ފަތުރުވެރިކަމުގައި މަސައްކަތްކުރާ އަންހެނުންގެ އަޑު އަހައި، ސިޔާސަތުތައް ހަދަންޖެހޭ: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މިޙައްމަދަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ހަނދާނީ ފިލާ ހަވާލިކުރަނީ--- ފޮޓޯ/ ރައިސް އޮފީސް

ފަތުރުވެރިކަމުގައި މަސައްކަތްކުރާ އަންހެނުންގެ އަޑު އަހައި، ހަރުދަނާ ސިޔާސަތުތައް އެކުލަވާލަންޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ވިމެންސް އެޑިޝަން 2024 ހުޅުވުމުގެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވައި ސާޖިދާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދު ކަމަށެވެ.

އެކަން އެހެން ދިމާވަނީ ބައެއް ރިސޯޓްތަކުގައި އަންހެނުންނަށް ފަހި މާހައުލެއް ނެތުމާއި، އެ ރޯލުތަކުގައި މަސައްކަތްކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާއީ ނިކަމެތިކަމާއި، މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހަނިވާ ގޮތަށް ކަންކަން އޮތުމާއި، ނިޒާމީ ގޮތުން ދިމާވާ މައްސަލަތަކުގެ ސަބަބުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ހޮޓަލް ޖެންގައި ކުރިއަށްދިޔަ އެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން ވިހެއުމުގެ ޗުއްޓީއާއި އެފަދަ ބޭނުންތައް ދެނެގަނެވޭނެ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އެ ކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ވަޒީފާ ދިނުމުގައި އަންހެނަކަށްވީތި ތަފާތުކުރުން ގެންގުޅުމަކީ އެއްވެސް ވަރަކަށް ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާއި އެއީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެޅޭ ހުރަހެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި ހަގީގީ ބަދަލެއް ގެނެއުމަށް ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަޑު އަހައި، މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

comment ކޮމެންޓް