މަކުނު ވިދުރީގެ ކޭސްއެއް ޕިލިޕީންސްއިން ވެސް ފެނިއްޖެ

އެފްރިކާގާއި ހަލުއިކަމާއެކު ފެތުރެމުން އަންނަ މަކުނު ވިދުރީގެ ކޭސްއެއް ޕިލިޕީންސް އިން ވަނީ ފެނިފައި. ފޮޓޯ/އިންގްލިޝް އަރަބިއާ

އެފްރިކާގެ ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، މަކުނު ވިދުރީގެ އާ ކޭސްއެއް ފިލިޕީންސް އިން ފެނިއްޖެއެވެ.

ފިލިޕީންސްއިން އެ ބަލީގެ ކޭސްއެއް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވެސް ވަނީ ފެނިފައެވެ.

ފިލިޕީންސްއިން ބަލި ފެނުނީ އުމުރުން 33 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ. ނަމަވެސް އޭނާއަކީ ފިލިޕީންސްއިން ބޭރު އެއްވެސް ގައުމަކަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ހެލްތު (ޑީއޯއެޗް) އިން ބުނެއެވެ.

މިއީ ޕިލިޕީންސްއިން މިހާތަނަށް އެ ބަލި ޖެހުނު ދިހަ ވަނަ މީހާއެވެ. މަކުނު ވިދުރީ އެންމެ ފުރަތަމަ ފިލިޕީންސްއިން ފެނިފައި ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

އެފްރިކާގެ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަލުއި ކަމާއެކު މަކުނު ވިދުރި ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިދިޔަ ބުދަ ދުވަހު ވަނީ އެ ބައްޔަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައިފައެވެ.

އެ ބަލީގެ އާ ވޭރިއަންޓެއް ފެތުރެމުން އަންނައިރު، އާ ވޭރިއަންޓުގެ ކޭސްއެއް މިދިޔަ ބުރާސްފަތި ދުވަހު ސްވިޑެންއިން ވަނީ ފެނިފައެވެ. އެއާއެކު އެއީ އެފްރިކާ ބައްރުން ބޭރަށް އެ ބަލި ފެތުރެމުން އަންނަ ކަމުގެ ނިޝާނެއް ކަމުގައި ސިއްޚީ މާހިރުން ވިދާޅުވެއެވެ.

އޭގެ ފަހުން ޕާކިސްތާނުން ވެސް ވަނީ އެ ބަލީގެ އާ ކޭސްއެއް ފެނިފައެވެ. ޕާކިސްތާނުން ބަލި ފެނުނު މީހާއަކީ ދާދިފަހުން ސައުދީ އަރަބިއާއިން އައި މީހެއް ކަމަށް ޕާކިސްތާނު ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބަލި އެންމެ ބޮޑަށް ފެތުރެމުން ދަނީ ކޮންގޯގައެވެ. މިދިޔަ އަހަރުގެ ޖަނަވަރީގައި އެ ޤައުމުގައި ބަލި ފެތުރެން ފެށި ފަހުން 27,000 މީހަކަށް ބަލި ޖެހިފައިވާއިރު, އޭގެ ތެރެއިން 1,100 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

މަކުނު ވިދުރީގެ ވައިރަސް އިންސާނުންނަށް ވާސިލު ވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ.

comment ކޮމެންޓް