ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންޑަނާއޯ ޕްރޮވިންސްގެ ސައުތު ކޮޓަބާޓޯގައި ހުންނަ ބަންގާ ނޭޝަނަލް ހައި ސްކޫލުގައި މިއަދުގެ މެންދުރުފަހު ބަޑިޖަހައި، މަދުވެގެން އެކަކު މަރާލައި އިތުރު ބަޔަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މެންދުރުފަހު 1:15 ހާއިރުއެވެ.
ސައުތު ކޮޓަބާޓޯގެ ގަވަރުނަރު ރޭނާލްޑޯ ޓަމާޔޯ ވިދާޅުވި ގޮތުގައި، މި ހާދިސާގައި އެކަކު މަރުވެ ހަތަރު މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ. ނަމަވެސް، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު މިއަށްވުރެ ގިނައެވެ.
ފުލުހުންނާ ހަވާލާދީ ފިލިޕީންސްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާ ދީފައިވަނީ އެ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ އުމުރުން 16 އަހަރުގެ ދަރިވަރެކެވެ. އަދި އޭނާ ވަނީ ކްލާސްކުދިންނަށް ހަމަލާދިނުމަށްފަހު އަމިއްލަ ގަޔަށް ބަޑިޖަހައި މަރުވެފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ގަވަރުނަރު ޓަމާޔޯ ވިދާޅުވި ގޮތުގައި، ހަމަލާ ދިން ކުއްޖާއަކީ އޮންލައިންކޮށް ހަތިޔާރު ބޭނުންކޮށްގެން ކުޅޭ ގޭމްތަކުގެ ކޮމިއުނިޓީއެއްގައި ހަރަކާތްތެރިވާ ކުއްޖެކެވެ.
މި ހާދިސާއާ ގުޅިގެން ބަންގާ މުނިސިޕަލިޓީގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ. މީގެ އިތުރުން، ފިލިޕީންސް ރެޑް ކްރޮސްގެ މެޑިކަލް ޓީމުތަކުން ދަނީ އެ ސްކޫލު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ރެޑް ކްރޮސްއިން ބުނި ގޮތުގައި ޒަޚަމްވި ކުދިން ވަނީ ޑެންޓޮމް ޑޮކްޓާސް ހޮސްޕިޓަލަށާއި ސައުތު ކޮޓަބާޓޯ ޕްރޮވިންޝަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފިލިޕީންސްގެ ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އިދާރާގެ އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިވަރުންނާއި މުދައްރިސުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން މައްސަލަ ތަހުގީގުކުރަމުންދާތީ، ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށާއި ހަމަޖެހިގެން ތިބުމަށް އެ އިދާރާއިން ވަނީ އާންމުންނަށް ގޮވާލާފައެވެ. މީގެ އިތުރުން، އެޑިއުކޭޝަން ޑިޕާޓްމަންޓުގެ ރީޖަން 12 ގެ އޮފީހުން ވަނީ، ޒަޚަމްވި ކުދިންނާއި އާއިލާތަކަށް އިހުތިރާމްކުރުމުގެ ގޮތުން ހާދިސާގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުނުކުރުމަށް އެދިފައެވެ.
ފިލިޕީންސަކީ ސަރަހައްދީ ގޮތުން ބަލާއިރު އާންމުންގެ އަތުގައި ހަތިޔާރު އެންމެ ގިނަ އެއް ގައުމު ނަމަވެސް، ސްކޫލުތަކުގައި ބަޑިޖެހުމުގެ ހާދިސާތައް އާންމުކޮށް މަދެވެ. ނަމަވެސް، މިއީ މިދިޔަ ޖޫން މަހުގެ ފަހުން އެ ގައުމުގެ ސްކޫލެއްގައި ހިނގި މިފަދަ ތިންވަނަ ހާދިސާއެވެ. މިދިޔަ ޖޫން މަހު ފިލިޕީންސްގެ މެދުތެރޭގެ ޓެކްލޯބަން ސިޓީގެ ސްކޫލެއްގައި ހިނގި ހާދިސާއެއްގައި ތިން ދަރިވަރަކު މަރުވެފައިވާއިރު، އެ ހަމަލާ ދީފައިވަނީ ގަނާކުރުމުގެ މައްސަލައަކާ ގުޅިގެން އުފެދުނު ރުޅިވެރިކަމެއްގައި ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އަދި އޮގަސްޓު މަހު ޒަމްބޮއަންގާ ސިޓީގައިވެސް ދަރިވަރަކު ވަނީ ކްލާސް ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު އަމިއްލައަށް މަރުވެފައެވެ. ފުލުހުން މިހާރު ދަނީ ބަންގާ ނޭޝަނަލް ހައި ސްކޫލުގައި ހިނގި ހާދިސާގެ ތަހުގީގު ކުރިއަށްގެންދަމުންނެވެ.