ފިލިޕީންސްގެ ދެކުނުގައި އޮންނަ މުސްލިމުންގެ އަމިއްލަ ވެރިކަންކުރާ ސަރަހައްދު ކަމަށްވާ ބަންގްސަމޯރޯ އޮޓޮނޮމަސް ރީޖަން އިން މުސްލިމް މިންޑަނާއޯ (ބާމް) ގެ ފުރަތަމަ ޕާލަމެންޓް އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
މިއީ 1990 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ކުރިއަށްދިޔަ ސުލްހައިގެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ބާއްވާ ތާރީޚީ އިންތިޚާބެކެވެ. ނަމަވެސް، ވޯޓުލުން ފެށުމުގެ މަދު ގަޑިއިރުތަކެއް ކުރިން ވޯޓުލާ މަރުކަޒެއްގެ ބޭރުގައި ހިނގި ބަޑީގެ ހަމަލާތަކެއްގައި މަދުވެގެން ތިން މީހަކު ވަނީ މަރުވެފައެވެ.
މި ހަމަލާ ބަދަލުކޮށްފައިވަނީ އެ ސަރަހައްދުގެ ވެރިރަށް ކޮޓަބާޓޯގައި ވޯޓުލާ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ސްކޫލެއްގެ ބޭރުގައެވެ. ކޮޓަބާޓޯގެ ފުލުހުންގެ ވެރިޔާ ޖިބިން ބޮންގްކަޔާއޯ ވިދާޅުވި ގޮތުގައި، ރޭގަނޑު ދަންވަރުގެ ވަގުތެއްގައި މި ހަމަނުޖެހުން ފެށުނީ ވާދަވެރި ސިޔާސީ ދެ ފެކްޝަނެއްގެ މެދުގައި ކިއުގައި ކުރިއަށް އެރުމާ މެދު އުފެދެނު ދެބަސްވުމެއްގައެވެ.
"އެކަން ފެށުނީ ދެ ގްރޫޕެއްގެ މެދުގައި ކިއުގެ ޖާގައަކާ މެދު އުފެދުނު ދެބަސްވުމަކުން،" އޭނާ ވިދާޅުވިއެވެ.
މި ދެބަސްވުން ބޮޑުވެ، ބަޑީގެ ހަމަލާތަކަކަށް ބަދަލުވިއިރު، ތިން މީހަކު މަރުވުމުގެ އިތުރުން 15 މީހަކަށް ވަނީ އަނިޔާވެފައެވެ.
ފުލުހުން ބުނި ގޮތުގައި މި މީހުންނަކީ ސަރަހައްދީ އަމިއްލަ ވެރިކަމަކަށް ގޮވާލައި އެތައް އަހަރެއް ވަންދެން ހަނގުރާމަކުރި މޯރޯ އިސްލާމިކް ލިބަރޭޝަން ފްރޮންޓް (އެމްއައިއެލްއެފް) އިން އުފެދިފައިވާ ވާދަވެރި ޕާޓީތަކަށް ނިސްބަތްވާ ބައެކެވެ. މީގެ އިތުރުން، އެހެން ވޯޓުލާ މަރުކަޒެއްގެ ކައިރީގައި ދިން ބޮމުގެ ހަމަލާއަކާ ގުޅިގެން މިއަދު ހެނދުނު މީހަކު މަރުވެފައިވާއިރު، މިދިޔަ މަހު ރައީސް ފާޑިނަންޑް މާކޯސް އައްޔަންކުރައްވާފައިވާ އެ ސަރަހައްދުގެ ވަގުތީ ޗީފް މިނިސްޓަރުގެ މޯޓޯކޭޑަށް ވެސް ވަނީ ބަޑިން ހަމަލާދީފައެވެ.
މި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި މުޅި ސަރަހައްދުގައި 20،000 އަށް ވުރެ ގިނަ ސަލާމަތީ އޮފިޝަލުންނާއި ޓޭންކުތައް ވަނީ ރުކުރުވާލާފައެވެ. އަދި ހަމަނުޖެހުންތަކަށް ވަގުތުން އިޖާބަދިނުމަށް ޚާއްސަ ޓީމުތައް ވެސް ވަނީ އެކުލަވާލާފައެވެ. ޚާއްސަކޮށް، ސަރުކާރުގެ ފައުޖުތަކާއި ހަނގުރާމަވެރިންނާ ދެމެދު ކުރިން ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާ މަރާވީ ސިޓީގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. މި އިންތިޚާބުގައި 13 ޕާޓީއަކުން 80 ގޮނޑިއަށް ވާދަކުރާއިރު، ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
ބާމް ސަރަހައްދު އުފެދިގެން އައީ ފިލިޕީންސް ސަރުކާރާއި އެމްއައިއެލްއެފްއާ ދެމެދު 1990ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ކުރެވުނު މަޝްވަރާތަކަށްފަހު ވެވުނު ސުލްހައިގެ އެއްބަސްވުންތަކުގެ ދަށުންނެވެ. މި އިންތިޚާބަކީ ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާއަތެއްގެ ގޮތުގައި އޮތް އެމްއައިއެލްއެފް، ޑިމޮކްރެޓިކް ސިޔާސީ ނިޒާމެއްގެ ތެރެއަށް ވަދެ، ވޯޓު ކަރުދާހުގެ ޒަރީއާއިން ވެރިކަން ހޯދުމަށް ކުރާ މަސައްކަތުގެ މުހިންމު މަރުހަލާއެކެވެ.
ސިޔާސީ ޕާޓީތަކުގެ އިސްވެރިން އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި، ސިޔާސީ ހަމަނުޖެހުންތަކުގެ ދިގު ތާރީޚެއް އޮތް މި ސަރަހައްދުގައި އަމާންކަމާއެކު އިންތިޚާބު ނިންމާލެވިއްޖެނަމަ އެއީ ބޮޑު ކާމިޔާބީއެކެވެ. ފުލުހުން މިހާރު ދަނީ އިންތިޚާބާ ގުޅިގެން ހިނގި ހަމަނުޖެހުންތަކާއި ބޮމުގެ ހަމަލާގެ މައްސަލަތައް އިތުރަށް ތަހުގީގުކުރަމުންނެވެ.