އެވެޓާގެ ތިންވަނަ ބައި އަންނަ އަހަރުގެ ޑިސެމްބަރަށް

ޖޭމްސް ކެމެރަންގެ އެންމެ މަގުބޫލު ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ބައި ރިލީޒްކުރުން އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ތާވަލުކޮށްފިއެވެ.

ދެހާސް ނުވައެއްގައި ރިލީޒްކުރި "އެވެޓާ"ގެ އިތުރު ހަތަރު ބައެއް ގެނެސް ދޭން ނިންމާފައިވާއިރު، ދެވަނަ ފިލްމެއް ނެރެފައިވަނީ 13 އަހަރު ފަހުން މިދިޔަ އަހަރެވެ. އެތައް ފަހަރެއްގެ މަތިން ފިލްމު ޑިލޭ ކުރަމުން ގޮސް އެވެޓާގެ ދެވަނަ ބައި "ވޭ އޮފް ވޯޓާ" 2022 ވަނަ އަހަރު ޑިސެމްބަރު މަހު އެޅުވިއިރު އެ ފިލްމުވީ އެ އަހަރުގެ އެންމެ ބޮޑު ފިލްމަށެވެ.

ދެން އެންމެ ފުރަތަމަ ތިންވަނަ ބައި ރިލީޒްކުރަން ހަމަޖެއްސީ މި އަހަރަށެވެ. ނަމަވެސް، އެއަށް ފަހު ފިލްމު އަންނަ އަހަރަށް ޑިލޭ ކޮށްފައިވަނީ ރިލީޒްކުރާނެ ތާރީހެއް ހާމަ ނުކޮށެވެ. ޕްރޮޑަކްޝަނުން ދާދި ފަހުން ވަނީ ފިލްމު ދައްކަން ފަށާނެ ތާރީހު އިއުލާނުކޮށްފައެވެ. އެގޮތުން، ތިންވަނަ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު 19ގައެވެ.

އެވެޓާގެ ތިންވަނަ ފިލްމުގެ ނަން ވެސް ވަނީ ތާރީހާ އެކު އިއުލާނުކޮށްފައެވެ. ތިންވަނަ ފިލްމަށް ކިޔާނީ "އެވެޓާ : ފަޔާ އެންޑް އޭޝް" އެވެ.

އެވެޓާއަށް އޮތް މަގުބޫލުކަން 2022 ވަނަ އަހަރު ފެނިފައިވާއިރު އެ ފިލްމުވީ މުޅި ބޮކްސް އޮފީހުގެ ތާރީޚުގައި ވެސް ތިންވަނައަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަށެވެ. އެގޮތުން، ފްރެންޗައިޒްގައި ހިމެނޭ ދެ ފިލްމުގެ އާބާދީ ވެސް ދެ ބިލިއަން ޑޮލަރުން މައްޗެވެ. އަދި، ފުރަތަމަ އެވެޓާގެ އާމްދަނީ އެކަނި ވެސް ތިން ބިލިއަން ޑޮލަރާ ގާތް ކުރެއެވެ.

އެވެޓާ ފްރެންޗައިޒްގައި ޖުމްލަ ފަސް ފިލްމެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ޑިލޭ ތަކަކަށް ފަހު ފިލްމުތައް ރިލީޒްކުރުމަށް މިހާރު ތާވަލުކޮށްފައިވަނީ ހަތަރުވަނަ ފިލްމު 2029 ގައެވެ. އަދި، ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ނެރޭނީ 2031 ގައެވެ.

comment ކޮމެންޓް