ގޭ ތެރޭގައި މީހުން ބަންދުވީ ގަވާއިދާ ޚިލާފަށް ގޭގެ ރަޖިސްޓްރީ ހަދައިދިނުމުން: ކައުންސިލް

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ އަމަން ލަތީފް

ސޯޝަލް މީޑިޔާގައި މިއަދު ވައިރަލް ވެގެން އުޅޭ ވީޑިއޯއިން ފެންނަ މާލޭގެ ހ.ހުދުފިނިފެންމާގޭގައި ދިރިއުޅޭ މީހުންނަށް ގެއިން ނިކުމެވޭނެ ގޮތް ނުވެ ބަންދުވެފައި ވަނީ ގަވާއިދާ ޚިލާފަށް ގޭގެ ރަޖިސްޓްރީ ހަދާދިނުމުން ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކައުންސިލުގެ ވަކީލު އަބްދުﷲ އަބަދުލް ހަކީމް ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހިއްސާކުރައްވައިފައެވެ.

ހަކީމް ވިދާޅުވީ ހުދުފިނިފެންމާގޭގޭ އެ ގޯޅި ގަނޑުގެ މައްސަލަ ދިމާވެގެން އުޅޭތާ 27 އަހަރު މިހާރު ވެއްޖެ ކަމުގައެވެ.

އެ ގޯތީގެ ބޮޑުމިނަކީ 3،980 އަކަފޫޓު ކަމަށާއި އެންމެ ފުރަތަމަ އެ ގޯތި ބަހާފައި ވަނީ ދެ ބަޔަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ ހުދުފިނިފެންމާގެއާއި ހުދުދިނިފެންމާގެ އާގެއެވެ. ހަކީމް ވިދާޅުވީ އެ ގޯޅިގަނޑަކީ 320 އަކަފޫޓުގެ ގޯޅި ގަނޑެއް ކަމަށާއި ހުދުފިނިފެންމާގެ އާގެއަށް 1985 އަކަފޫޓު ހިމެނެނީ އެ ގޯޅިއާ އެކުގައި ކަމަށެވެ.

ހަކީމް ވިދާޅުވީ އެއަށްފަހު ހުދުފިނިފެންމާގެ ދެބައި ކުރުމަށްފަހު އެއްބަޔަށް ކުބްރާ ކިޔާ އަނެއްބަޔަށް ހުދުފިނިފެންމާގެ ކިޔުނު ކަމުގައެވެ. އަދި ދެ ބަޔަށް ވެސް ވަންނަ ގޮތައް ހަދާފައިވަނީ ހަދީބީ މަގުން ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސިޓީ ކައުންސިލުގެ ލޯޔަރު ހުދުފިނިފެންމާގެއަށް ދިމާވެފައިވާ މައްސަލަ ކިޔާދެނީ--- ސަން ފޮޓޯ/ އަމަން ލަތީފް

އަދި ހުދު ފިނިފެންމާގެ ހައްވާ އިބްރާހިމާއި ހަސަން ޝާކިރުގެ މައްޗަށް ރަޖިސްޓްރީ ކުރެވުނު ކަމަށާއި މިކަން މިހެން އޮތް އިރު ހައްވާ އިބްރާހިމަށް ނުވަދެވޭ ގޮތަށް ގޯޅިއެއް ނުކަނޑައި، ހުދު ފިނިފެންމާގެ ހަސަން ޝާކިރުގެ މައްޗަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް ވެސް ހަކީމް ވަނީ ވިދާޅުވެފައެވެ.

ދެހާސްވިހި ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ހަސަން ޝާކިރުގެ މައްޗަށް ވަކި ރަޖިސްޓްރީއެއް ހަދައިފައިވާއިރު އެ ރަޖިސްޓްރީގައި އިމާރާތްކުރުމަށް ވަނީ ހުއްދަދީފައެވެ.

ހަކީމް ވިދާޅުވީ ހުދުފިނިފެންމާގޭ ފަހަތުގައި އޮތް ބަޔަށް ނުވަދެވޭ ގޮތްވީ މި ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ހަދައިދިނުމުން ކަމަށެވެ.

އަދި މިހާރު މި މައްސަަލަ ހޫނުވެފައި ވަނީ ހުދުފިނިފެންމާގޭ އާގޭގެ ފާރު ރޭނުމުން ކަމަށާއި ބައެއްގެ ގޭގެ އިންފާރު ރޭނުން ސިޓީ ކައުންސިލުން މަނާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހައްވާ އިބްރާހީމަށް އޮތް ގޯތިން މީހުން ވަދެ ނިކުންނާނެ ގޮތެއް ހަމަޖެއްސުމަށް ހަތަރު ހަފްތާގެ މުއްދަތެއް ދިން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި މި މައްސަލަ ދިމާވެފައި މިވަނީ އެކަން ނުވެ އޮތުމުން ކަމަށް ހަކީމް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް