ތަފާތުކުރުމެއްނެތި ދަރިވަރުންނަށް ޑިޖިޓަލް ކުރިއެރުމުގެ ފައިދާ ހޯދައިދޭންޖެހޭ: މާރިޔާ

ބެއިޖިން ނޯމަލް ޔުނިވާސިޓީ އާއި ޔުނެސްކޯއިން އިންތިޒާމްކޮށްގެން ޗައިނާގައި ބާއްވާ ގްލޯބަލް ސްމާޓް އެޑިޔުކޭޝަން ކޮންފަރެންސް 2024 ގެ އިފްތިތާޙީ ރަސްމިއްޔާތާއި، ޕްލެނަރީ ސެޝަންގައި މިނިސްޓަރު ޑރ. މާރިޔާ -- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ތަފާތުކުރުމެއް ނެތި ކޮންމެ ދަރިވަރަކަށް ވެސް ޑިިޖިޓަލް ކުރިއެރުންތަކުގެ ފައިދާ ލިއްބައިދޭންޖެހޭކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބެއިޖިން ނޯމަލް ޔުނިވާސިޓީ އާއި ޔުނެސްކޯއިން އިންތިޒާމްކޮށްގެން ޗައިނާގައި ބާއްވާ ގްލޯބަލް ސްމާޓް އެޑިޔުކޭޝަން ކޮންފަރެންސް 2024 ގެ އިފްތިތާޙީ ރަސްމިއްޔާތާއި، ޕްލެނަރީ ސެޝަންގައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މަތީ ފެންވަރުގެ މި ޑައިލޮގް ސެޝަންގައި، މިނިސްޓަރު ވާހަކަދެއްކެވީ މަތީ ތަޢުލީމުގެ މުސްތަޤްބަލާ ބެހޭ ގޮތުންނެވެ.

އެގޮތުން މިނިސްޓަރު ވާހަކަދައްކަވާފައިވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ޑިޖިޓަލައިޒްކޮށް، އައު ގޮތްތައް ތަޢާރަފްކޮށް، ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.

މިނިސްޓަރުގެ ވާހަކައިގައި، ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއްކަމުން ކުރިމަތިވާ ހާއްސަ ގޮންޖެހުންތައް ހުރި ނަމަވެސް، ދަރިވަރުންނާއި މުދައްރިސުން މުސްތަޤްބަލަށް ތައްޔާރުކުރުމަށް ޓަކައި އޭއައި އާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ރާއްޖެއިން އިސްކަންދޭކަން ފާހަގަކުރެއްވިއެވެ.

ބެއިޖިން ނޯމަލް ޔުނިވާސިޓީ އާއި ޔުނެސްކޯއިން އިންތިޒާމްކޮށްގެން ޗައިނާގައި ބާއްވާ ގްލޯބަލް ސްމާޓް އެޑިޔުކޭޝަން ކޮންފަރެންސް 2024 ގެ އިފްތިތާޙީ ރަސްމިއްޔާތާއި، ޕްލެނަރީ ސެޝަން -- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އެގޮތުން އެ ކަމަނާ ގޮވާލެއްވެވީ ކޮންމެ ދަރިވަރަކަށް ވެސް، އެ ދަރިވަރެއްގެ ކިބައިގައިވާ ތަނަވަސްކަމާއި ޤާބިލުކަމަށް ބެލުމެއްނެތި، ތަޢުލީމުގެ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތަކުގެ ފައިދާތައް ހަމަހަމަކަމާއެކު ލިއްބައިދޭނެ ސިޔާސަތުތަކެއް ގާއިމްކުރުމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭއައި ހޭލުންތެރިކަމާއި، އަޚްލާޤީ ސިޔާސަތުތަކާއިއެކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗައެއް ގުޅުވާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި އަވަސް ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ދަރިވަރުންނާއި މުދައްރިސުންނަށް ތައްޔާރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް