ސަނަދުން ލިބޭ އުފާވެރިކަން ދެމި އޮންނާނީ ރަނގަޅު މަސައްކަތްތަކެއް ކުރެވިގެން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.
މައިކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ، މަތީ ތައުލީމު ހާސިލް ކުރުމަށް ހޭދަކުރާ އަހަރުތަކުގައި ލިބޭ ފިލާވަޅުތަކުން މުޅި މީހާގެ ދިރިއުޅުމަށް ބަދަލު ގެނައުމަށް ދަސްވެނީންގެ ކިބައިން އެދިވަޑައިގެންފައެވެ.
އޭގެ ތެރެއިން ވެސް އެންމެ އިސްކަމެއް ދޭންވާނީ އަޚުލާގަށް ފާހަގަކުރައްވައި ފައިސަލް ވަނީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
ރަނގަޅު ކަމެއް ހާސިލު ކުރެވެނީ ވަރަށް ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ތިމާގެ އަމަލުތަކާމެދު ވިސްނައި، އަނެއް ދުވަހު ކުރާނެ އަމަލުތަކަކީ އެއަށްވުރެން ރަނގަޅަށް ކުރާނެ ކަންތައްތަކެއްގެ ގޮތުގައި އަޒުމު ކަނޑަޅަންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
"...މިރޭ ތިޔަ ބޭފުޅުންނަށް ތިޔަ ލިބިވަޑައިގެންނެވި ސަނަދުން ލިބިގެންދަނީ ވަރަށް ބޮޑު އުފާވެރިކަމެއް. އެހެން ނަމަވެސް އުފާވެރިކަމެއްގެ ގޮތުގައި އެ ދެމި އޮންނާނީ، އެ ދެމެހެއްޓޭނީ އަޅުގަނޑު މި ދެންނެވި ގޮތަށް މަސައްކަތްތަކެއް ކުރެވިގެން" ފައިސަލް ވިދާޅުވިއެވެ.
އަމަލުން ހެޔޮ ނަމޫނާ ދައްކައިގެން ނޫނީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ، ދިރިއުޅުމުގެ ކަންކަން ބަދަލު ކުރަންޖެހޭ ކަމަށެވެ. ދުނިޔެއަށް އަންނަ ބަދަލުތަކާއެކު މޮޅު ގޮތްތައް މެދުވެރިވާނީ އޭރުން ކަމަށް ވިދާޅުވިއެވެ.
ފައިސަލްގެ ވާހަކައިގައިވަނީ މީހުން ބޭނުންވާ ދާއިރާތަކުން މަތީ ތައުލީމު ފޯރުކޮށްދީ، އެ ދާއިރާތަކުން މީހުން ބިނާ ކުރެވިގެންދިއުމަކީ ގައުމުގެ އިގުތިސާދު ވެސް ވަރުގަދަ ވެގެންދާނެ ކަމެއްކަން ފާހަގަ ކުރައްވައިފައެވެ. އަދި މި މަސައްކަތުގައި ރަށްރަށުގައި ތިބެގެން ވެސް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައި، ވަކިން ޚާއްސަކޮށް، މައި ކޮލެޖު ހިމެނޭހެން ޕްރައިވެޓް ކޮލެޖުތަކުން ކުރަމުންގެންދާ މަސައްކަތް ފާހަގަ ކުރައްވައި، ފައިސަލް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިއާންޒް ގްރޫޕުގެ ސީއީއޯ، އަދި މައި ކޮލެޖުގެ ޗެއާމަން އަހުމަދު މޮޓާކީ މާލީ، ރޫހާނީ ނުވަތަ ހުނަރުވެރިކަމުގެ މައްޗަށް ބިނާކޮށް ކުރިއެރުމުގެ ވިސްނުމެއް ގެންގުޅުމަށް ދަސްވެނީންގެ ކިބައިން އެދިވަޑައިގެންފައެވެ.
އޭނާގެ ވާހަކައިގައި ދެއްވި ނަސޭހަތަކީ އެ ވިސްނުން އިސް ކުރުމުން ފުރުސަތުތައް ފަހިވެގެންދާނެ ކަމެވެ. އަދި ކިޔުންތެރިކަމާއި އަޚުލާގީ ސިފަތައް އަށަގަންނުވައި، ރަނގަޅު މީހުންގެ ތެރޭގައި ވުމަށެވެ. މީގެ ފަސް އަހަރު ފަހުން ދިރިއުޅުމުގައި ތިމާ ދާން ބޭނުންވާ ހިސާބު ކަނޑައަޅައި، ވަރުގަދަ ޕްލޭނަކާއެކު އެ ލަނޑުދަނޑި ހާސިލް ކުރުމުގައި ސާބިތުވުމަށް ދަރިވަރުންނަށް ނަސޭހަތް ދެއްވިއެވެ.