މަސްކް ރުޅިގަދަވެ، ބްރެޒިލްގައި އެކްސް ބޭނުން ނުކުރެވޭގޮތް ހަދައިފި

ބްރެޒިލްގެ އެކްސް އޮފީސް ވަނީ ބަންދުކޮށްފައި --- ގެޓީއިމޭޖްސް

ބްރެޒިލްގެ ސްޕްރީމް ކޯޓްގެ ހުކުމަކާ ގުޅިގެން މަސްކް ރުޅިގަދަވެ، ބްރެޒިލްގައި އެކްސް ބޭނުން ނުކުރެވޭގޮތް ހަދައިފިއެވެ.

އެކްސް (ކުރީގެ ޓްވިޓާ) އިން ބްރެޒިލްގެ އޮޕަރޭޝަންތައް ވަގުތުން ވަގުތަށް ހުއްޓާލާފައިވާކަމަށް އެ ކުންފުނިން އިއުލާނުކޮށްފައިވާއިރު، މިގޮތަށް ނިންމާފައިވަނީ ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލެކްޒެންޑްރޭ ޑި މޮރައިސް، އެކްސްގެ ބައެއް އެކައުންޓުތައް ބްލޮކްކުރުމަށް އަމުރުކޮށް، އެކަން ނުކޮށްފިނަމަ އެކުންފުނީގެ ވެރިޔާ އެލޮން މަސްކް ހައްޔަރުކުރުމަށް އަމުރެއް ނެރެންޖެހިދާނެކަމުގެ އިންޒާރުދީފައިވާތީއެވެ.

އެކްސްގެ ވެރިޔާ އީލޮން މަސްކް ވަނީ ފަނޑިޔާރު މޮރައިސްގެ އަމުރުތަކާ އެއްގޮތަށް އެއްވެސް އެކައުންޓެއް ބްލޮކް ނުކުރާނެކަމަށް ބުނެފައެވެ. މަސްކް ބުނެފައިވަނީ ބްރެޒިލްގެ އެކްސް އޮފީސް ބަންދުކުރުމަކީ ދަތި ނިންމުމެއް ނަމަވެސް، މޮރައިސްގެ "ޤާނޫނާ ޚިލާފު ސިއްރު ސެންސަރޝިޕް އަދި އަމިއްލަ މައުލޫމާތު ހިއްސާކުރުމުގެ އަމުރުތަކާ" އެއްބަސްވެވެން ނެތްކަމަށެވެ.

ބްރެޒިލްގެ ޤާނޫނީ ނިޒާމާ ދެކޮޅަށް އޮންލައިން ޕްލެޓްފޯމްތަކުން އޮންނަ ނުފޫޒު ދެނެގަތުމަށް ހިންގާ ތަޙްޤީޤެއްގައި މަސްކް ވެސް ވަނީ ހިމެނިފައެވެ. އަދި އެކްސްގެ "ގްލޯބަލް ގަވަމަންޓް އެފެއާޒް" ޓީމުން ބުނެފައިވަނީ މޮރައިސްގެ އަމަލުތަކަކީ ޑިމޮކްރެޓިކް ވެރިކަމަކާ އެކަށީގެންވާ ކަންކަމެއް ނޫންކަމަށެވެ.

މި ހަމަނުޖެހުމަކީ އިންޓަނެޓްގައި ޝާއިއު ކުރެވޭ ތަކެއްޗާއި، އިބާރާތުގެ މިނިވަންކަމާއި ދޮގު މައުލޫމާތު ފެތުރުމާ ބެހޭ ގޮތުން ހިނގަމުންދާ ބަހުސްގެ އައު ބާބެއް ކަމުގައި ބައެއް ރިޕޯޓްތައް ބުނެއެވެ.

ބްރެޒިލްގައި އެކްސް ބޭނުންކުރާ ބޮޑު އާބާދީއެއް އޮތްއިރު، އެ ޤައުމަކީ އެކްސްގެ ހަތަރުވަނައަށް އެންމެ ބޮޑު މާކެޓް ކަމަށް ވެއެވެ.

comment ކޮމެންޓް